ހައްދު ފަހަނައަޅާފައިވާ އިސްތިއުމާރީ އިސްރާއީލު ނިރުބަވެރިންގެ ހުރަސްއެޅުންތަކާ އެކުވެސް، ގާފިލާގައި ހިމެނޭ ބޯޓެއް މިހާރުވަނީ ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެފައެވެ.

ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ”މިކެނޯ“ ނަމަކަށްކިޔާ ބޯޓެކެވެ. އިތުރު ބޯޓުތައްވެސް ޣައްޒާ ކަނޑުގެ ސަރަހައްދާ ގާތްވަމުން އަންނަ ކަމަށް، ރާޑަރުތަކުން ދައްކައެވެ.

ޣައްޒާގެ ގަޑިން ހެނދުނު 9 ޖެހިއިރު، އިސްތިއުމާރީބާރުން ވަނީ 21 ބޯޓަކަށް ހުރަސްއަޅައި ހުއްޓުވާފައެވެ. އޭގެ ފަހުން ދެން ހިމެނޭ 24 ބޯޓުގެ ތެރެއިން 23 ބޯޓެއް ވެސް ވަނީ ހުރަސްއަޅައި ހުއްޓުވާފައެވެ.

ހިސޯރު ފޫއަޅުވައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިލާ — ޖީއެސްއެފްގެ އުޅަނދުތަކަށް ފުރަތަމަ ހުރަސްއަޅާފައި ވަނީ އެ އުޅަނދުތައް ޣައްޒާއާ 80 ނޯޓިކަލް މޭލަށް ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ.

ހަރުކަށި ޔަހޫދީ އިސްރާއީލަށް ނިސްބަތްވާ ވިއްސަށް ވުރެ ގިނަ މަނަވަރު އެ ސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ޖީއެސްއެފްގެ ބައެއް އުޅަނދުތަކާ މުވާޞަލާތީ ގުޅުން އެއްކޮށް ކެނޑިފައިވާ ކަމަށްވެސް ދަތުރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. އިސްރާއީލުގެ ޓަރިސްޓުން ދަނީ އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުންނެވެ. އަދި ބިރުދެއްކުމަށް ބައެއް އުޅަނދުތަކަށް ފެންޖަހަމުންނެވެ.
ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާއެއް ކުރިމަތިނުވާ ނަމަ ބުރާސްފަތި ދުވަހު ޣައްޒާއާ ހަމައަށް އުޅަނދުތައް ފޯރާނެ ކަމަށް ޖީއެސްއެފުން ކުރިން ވަނީ ބުނެފައެވެ.

ޞުމޫދު ފްލޮޓިލާއިން ޣައްޒާއަށް ފޯރުން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފައެވެ.

އެ ފްލޮޓިލާގެ ބައެއް އުޅަނދުތައް ވަށާލައި ބިރުދެއްކުމުގެ ޢަމަލުތަކެއް ވެސް މީގެ ގަޑިއިރުތަކެއް ކުރިން ހިންގާފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި ފްލޮޓިލާގެ އުޅަނދަކަށް ޑްރޯން ޙަމަލާއެއް ވެސް އަމާޒުވެފައިވެއެވެ.