މިއަދު ތިން ކަމެއް ތަންފީޒުކުރަން ފެށުމާ އެކު އެކަންކަމަށް އެއްބާރުލުން ދިން ފަރާތްތަކާއި އެ ކަންކަމުގެ މަންފާވާނެ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފަށާފައި ވަނީ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް ވިއްކުން މަނާވާ ”ޖެނެރޭޝަނަލް ބޭން“ އާއި ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަ ދިނުމާއި ކައުންސިލުތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރައަށް ހެޔޮ ބަދަލު ގެނައުމެވެ.
ރައީސް ވަނީ އެ ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކާއި އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ކަންކަމުގެ ސަބަބުން ފައިދާކުރާނެ ފަރާތްތަކަށް މަރުހަބާ ދެންނެވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ ”ޖެނެރޭޝަނަލް ބޭން“ އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހު ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ސަރުކާރުން ދެން ތަންފީޒުކުރި ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ އެކު 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް އާއި ޑިއުކޭޝަނަލް ސާވިސް އާއި ހެލްތު ސާވިސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް އަދި ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް އާއި ޕްރޮޓެކްޓިވް ސާވިސް އާއި ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސްގެ އިތުރުން ސްކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސްއެވެ.
ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރިއަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ. އަލުން ކަށިމިޔަރު މަސްވެރިކަމަށް ހުއްދަ ދީފައި މިވަނީ އެކަން ނުކުރުމަށް ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވަނިކޮށެވެ.