ދެކުނުގެ ރަށެއްގައި ދިވެހި ފިރިހެން ޓީޗަރަކު، ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ އިދާރާއަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު ވަނީ އެ މައްސަަލައިގެ ތުހުމަތުގައި 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހު، ހުޅުމާލޭގައި ދަރިވަރެއްގެ ގެއަށް ދިޔަ ދިވެހި ފިިރިހެން ޓީޗަރަކު 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.