ޖުމްލަ 52 ގުރާމު މަސްތުވާ ތަކެއްޗާއި އެކު ލ.ގަމާއި ދަނބިދޫ ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ބުރާސްފަތި ދުވަހު ލ. ގަމުގައި ޚާއްޞަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަނަކީ ގަމު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޮޕަރޭޝަނާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ފުލުހުންގެ ފަރާތުން ހާމަކުރެއްވި ގޮތުގައި، އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރެވުނު ފަރާތް ދިރިއުޅޭ ގޭގައި ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްޗާއި، މަސްތުވާތަކެތީގެ ވިޔަފާރީގައި ބޭނުންކުރާކަމަށް ބެލެވޭ އާލާތްތައް ހޯދިފައިވާކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ހޯދުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހީގެ ވަގުތީ ބަރުދަނަކީ 5.39 ގުރާމް ކަމަށްވެސް ފުލުހުންގެ މުއައްސަސާއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށެވެ.
ފުލުހުންގެ ފަރާތުން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ލ. ގަމުގެ އިތުރުން ލ. ދަނބިދޫގައިވެސް މަސްތުވާތަކެއްޗާ ގުޅޭ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަނަކީވެސް ދަނބިދޫ ޕޮލިސް ސްްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ފުލުހުންގެ މުއައްސަސާއިން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، ލ. ދަނބިދޫގައި ހިންގުނު އޮޕަރޭޝަނުގެ ތެރެއިން ދަނބިދޫ ބަނދަރު ސަރަޙައްދުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ހޯދުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމް ކަމަށްވެސް ފުލުހުންގެ ފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގެ އިތުރުން، ފުލުހުންގެ ފަރާތުން ހާމަކުރައްވާފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ހދ. އަތޮޅުގެ ދެ ރަށެއްގައިވެސް ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ގޮތުން ހދ. ނޮޅިވަރަމާއި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ ފަރާތުން ޚާއްޞަ އޮޕަރޭޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންތަކަކީވެސް މަސްތުވާތަކެއއްޗާ ގުޅޭ ގޮތުން ހިންގާފައިވާ އޮޕަރޭޝަންތަކެއް ކަމަށް ބެލެވެއެވެ.
ފުލުހުން ބުނީ ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ހައްޔަރުކުރުން ދިމާވީ ނޮޅިވަރަމަށް ދަތުރުކުރި އުޅަނދަކުން ގެނެވުނު ފޮށްޓަކާއި ޑަބިޔަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓް ފެނުމާ ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
އޭނާ ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ބޭއްވުމަށްފަހު، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރުއްވާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ.
ރާއްޖޭގައި ކުރިމަތިވެފައިވާ އިޖުތިމާޢީ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ސީރިއަސް އެއް މައްސަލައަކީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި ވިޔަފާރިކުރުން ކަމުގައި ފާހަގަކުރެވޭއިރު، މި އަހަރުގެ ފެށުނީއްސުރެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1,619 މައްސަލަ ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.