ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ 713 ދުވަހުގެ ތެރޭގައި، ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކުގައި ރައްޔިތުން 492 ފަހަރަށް ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވާކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ހާމަކުރައްވައިފިއެވެ. މި އިހުތިޖާޖުތައް މައިގަނޑު ގޮތެއްގައި ގޯތިގެދޮރާއި ފްލެޓްތަކުގެ ދަތިކަމާ ގުޅުންހުރި މައްސަލަތަކަށް އަމާޒުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމުކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އޮނިގަނޑަށް ބަލާއިރު، ބޯ

ހިޔާވަހިކަމާ ގުޅޭ މައްސަލަތަކުގައި ރައްޔިތުން އިހުތިޖާޖުކުރަންޖެހޭ ހާލަތެއް އުފެދިގެން ނުވާނެކަމަށެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާއި ޢަމަލުތަކުގެ ސަބަބުން ރައްޔިތުން މަގުމައްޗަށް ނިކުމެ އިހުތިޖާޖުކުރުމަށް މަޖުބޫރުކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަސާސީ ޙައްޤުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ފާހަގަކުރެއްވީ ދިވެހި ރައްޔިތުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންވެސް އަސާސީ ޙައްޤުތައް ހޯދުމަށް ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު، ރައްޔިތުން އެމީހުންގެ އަސާސީ ޙައްޤުތައް ހޯދުމަށްޓަކައި ސަލާންޖަހަން މަޖުބޫރުވުމަކީ ޤާނޫނީ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން އަސާސީ ޙައްޤުތައް އެކި ގޮތްގޮތުން ހަނިކުރުމަށް މަސައްކަތްކުރަމުންދާތީ، ރައްޔިތުން އެމީހުންގެ ޙައްޤުތައް ހޯދުމަށްޓަކައި ދާއިމީގޮތެއްގައި އިހުތިޖާޖުކުރަން މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިންނަކީ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ބޭނުންވާ ބައެއްކަމަށާއި، މި ޙައްޤުތައް ހަނިކުރެވޭ ހާލަތްތަކުގައި ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެ އިހުތިޖާޖުކުރާނެކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ރުޅިވެރިކަން ވަރަށް ސާފުކޮށް ފެންނަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަން ދިވެހި ތާރީޚުގައި މުޠުލަޤަށް ސާފުކޮށް ފެންނަން ހުރިކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

”މި ސަރުކާރުން ބޮލެއް ނުލަބާ އަސާސީ ހައްގު ހޯދުމަށްޓަކައި އިހުތިޖާޖު ކޮށް ސަރުކާރުގެ ވިސްނުންތައް ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް ލައްބަން މަޖުބޫރު ކުރާ ހާލަތަށް ދިވެހި ރައްޔިތުން ގެންދިޔާމަ ނޫނީ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ދިވެހި ރައްޔިތުން ގަދަ ކަނޑެއްގައި ހޮޑުލަވާފައި އިންނަ މީހަކު. ހޮޑުލާން ބޭނުންވެ އެ ހޮޑު ބޭރުކުރެވޭނެ ގޮތެއް ނެތި، ތިބޭ ހާލަތުގައި ދިވެހި ރައްޔިތުން ތިއްބާ. އަޅުގަނޑު ރައީސް މުއިއްޒަށް ދަންނަވާލަން ދިވެހި ރައްޔިތުން އަދި ހޮޑު ލާނޭ. ހޮޑުލާނޭ އަސާސީ ހައްގުތައް ގައިދުކޮށްފިއްޔާ. އެގައިދު ކުރަމުންދާ ކަމަށްވާނަމަ އެ އަސާސީ ހައްގުތައް ހޯދުމަށް އެ ހޯދަން އޮތް ގޮތަކަށް ހޯދަން ދިވެހި ރައްޔިތުން ތެދުވާނެ. ދިވެހި ތާރީހުގައި މިކަން އޮންނާނީ މުތުލޮގަށް ސާފުކޮށް ފެނިފައި. މި ސަރުކާރަށް މިވީ 713 ދުވަސް މިއަދަށް. މި 713 ދުވަސް ތެރޭގައި ގެދޮރުވެރިކަމާއި ގުޅޭގޮތުން، ފްލެޓާއި ގޯއްޗާއި ގުޅޭގޮތުން މިތަނަށް ނުނީ މި ގޮތަށް އެއްވާ މިއީ. 492 ވަނަ ބައްދަލުވުން. އެކިއެކި ސިފަ ސިފާގައި. މިއީ ފުކެއް ބޮޑުވަރު.“ ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާލުވިއެވެ.

އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ވެރިކަން ކުރެއްވުން ލާޒިމުކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ޢަމަލުފުޅުތަކާއި ސިޔާސަތުތައް ޤާނޫނުއަސާސީއާ އެއްގޮތަށް ބަދަލުކުރެއްވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތަށް ޢަމަލުނުކުރައްވައިފިނަމަ، އޭގެ ނަތީޖާ ރަނގަޅުނުވާނެކަމަށް ނިޝާން އިންޒާރުދެއްވިއެވެ.