ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އައްޑޫސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް އަލުން އުފެއްދެވުމަށް ނިންމަވާފައެވެ. މި ނިންމެވުމާއެކު، އައްޑޫސިޓީގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުން) މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވެއެވެ. މި ޤަރާރުގެ ދަށުން، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ’އައްޑޫ‘ އަކީ ’އައްޑޫ ސިޓީ‘ ކަމުގައި ކަނޑައަޅައި، ’އައްޑޫ ސިޓީ’ގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ވަނީ ނިންމަވާފައެވެ. އަދި މީގެ އިތުރުން، ’އައްޑޫ’ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް ހުޅުދޫ އަދި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.
މި އިޞްލާޙާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ’އައްޑޫ ސިޓީ’އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ކަނޑައަޅުއްވައި، އެ ސިޓީ ހިންގުމަށްޓަކައި ’އައްޑޫ ސިޓީ ކައުންސިލް‘ ގެ ނަމުގައި ކައުންސިލެއް އުފެއްދެވުމަށް ނިންމަވާފައެވެ. އަދި ހަމައެއާއެކު، ’އައްޑޫ މީދޫ‘ ހިންގުމަށްޓަކައި އައްޑުއަތޮޅު/ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދެވުމަށާއި، ’އައްޑޫ ހުޅުދޫ‘ ހިންގުމަށްޓަކައި އައްޑުއަތޮޅު/ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދެވުމަށްވެސް ނިންމަވާފައިވެއެވެ.
މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. މީގެއިތުރުން، އެ އިންތިޚާބުގައި އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބޭއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.