މަސްވެރިންގެ ދުވަހާގުޅިގެން ދުވާފަރުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ މިނިސްޓްރީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ވަނީ ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު އެ އިޢުލާނާއެކު އާންމުކޮށްފައެވެ.
މީގެ އިތުރުން އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރުމަށް ފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ މުބާރާތާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 3339225 / 3339272 އާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.