ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ރ. ވާދޫގައި ޚާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
މިއީ ރ. ވާދޫ ސިއްޚީ މަރުކަޒުން ބާއްވާ ކޮމިއުނިޓީ ހެލްތު އިވެންޓެކެވެ.
ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން ރ. ވާދޫ ސިއްޚީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ މިއިވެންޓު އޮންނާނީ ރ. ވާދޫ ސޯލަރ ހަޓްގައި މިއަދު ހަވީރު 4:00ގައި ކަމަށެވެ. ހަވީރު 5:00އާ ހަމައަށް ބާއްވާ މި އިވެންޓުގައި، ބީއެމްއައި ޓެސްޓް، ބްލަޑް ޕްރެޝަރ ބެލުން، ބްލަޑް ގުލްކޯޒް ލެވެލް ބެލުން އަދި އާންމު ސިއްޚަތާ ބެހޭ މަޢުލޫމާތު ހިއްސާކުރުން އޮންނާނެއެވެ.
ރ. ވާދޫގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މިއިވެންޓުގައި ބައިވެރިވުމަށް ވަނީ ދަޢުވަތު ދީފައެވެ.
ހަކުރު ބައްޔާއި އެ ބަލީގެ ސަބަބުން ކުރިމަތިވާ އެހެން ގޮންޖެހުންތަކުން ރައްކާތެރިވުމަށް، 40 އަހަރުވުމަށް ފަހު ހެލްތު ސްކްރީނިން ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހަކުރު ބައްޔަކީ ހަށިގަނޑުގައި ހަކުރު ހުންނަން ޖެހޭ ވަރަށްވުރެ އިތުރުވެފައި ހުރުމެވެ. ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވެފައިވާނަމަ ހަށިގަނޑުގެ ބައެއް މުހިއްމު ގުނަވަންތަކަށް އޭގެ ނޭދެވޭ އަސަރުތައް ކުރަން ފަށަ އެވެ.
ހަކުރު ބަލި ކޮންޓްރޯލް ނުވެއްޖެނަމަ ކުރިމަތިވެދާނެ މައްސަލަތައް
– ލޮލުގެ ފެނުމަށް ބަދަލު އައުން
– ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ހިނގުމުގައި ދަތިވެ، ބައެއް ހާލަތްތަކުގައި އަތް ނޫނީ ފައި ބުރިކޮށްލަން ޖެހުން
– ސިކުނޑީގެ ބަލިތައް ޖެހުން
– ކިޑްނީގެ ބަލިތައް ޖެހުން
ހަކުރު ބަލި ހުރިކަމަށް ޝައްކުކުރެވޭ ނިޝާންތައް
– އަވަސް އަވަހަށް ކުޑަކަމުންދާން ޖެހުން
– އާދަޔާ ހިލާފަށް ވަރުބަލިވުން
– އަތްފައި އައްސިވުން
– ކުޑަކަމުދާ ނިޒާމާ، ހިރުގަނޑު އަދި ހަމުގެ ބަލިތައް ޖެހުން އަވަސްވުން
ބައެއް ފަހަރު ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނެތި ވެސް ހަކުރު ބަލީގެ މީހުން އުޅެ އެވެ.
ބައްޔަށް އޮތް ފަރުވާ
– ހަކުރު އަޅައިގެން ކާބޯތަކެތި ބޭނުން ނުކުރުން
– ދުވާލަކު ގާތްގަނޑަކަށް 30 މިނެޓު ވަންދެން އަދި ހަފުތާއަކު މަދުވެގެން ފަސް ދުވަހު ކަސްރަތުކުރުން
– ކެއުމުގައި ކާބޯހައިޑްރޭޓްސް (ހަނޑޫ، ފުށް، ފަލަމަޑީގެ ބާވަތްތައް) މަދުން ބޭނުންކުރުން
ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން ހިމެނެ އެވެ. ލޭގެ ޕްރެޝާ ނުވަތަ ލޭގައި ސަރުބީ މައްޗަށް ދިއުމާއި ހަށިގަނޑަށް ލިބެންވާ ކަސްރަތު ގަވައިދުން ލިބެމުން ނުދިއުމަކީ ވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމެކެވެ.
ހަކުރު ބަލީގެ ވައްތަރުތައް
ޓައިޕް 1 ހަކުރު ބަލި:
މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަނީ ވަރަށް މަދުންނެވެ. ޓައިޕް އެކެއްގެ ހަކުރު ބަލި އާއްމުކޮށް ޖެހެނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އެ ކުދިންނަށް ކޮންމެ ދުވަހަކު އިންސިއުލިން އިންޖެކްޝަން ޖަހަންޖެހެ އެވެ.
ޓައިޕް 2 ހަކުރު ބަލި:
މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަމުންދިޔަ ކަމުގައި ވިޔަސް އޭގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެ އެވެ. ބައެއް މީހުންގެ ގައިގައި ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައެއް ނުދެ އެވެ.
އެ ބާވަތުގެ ހަކުރު ބަލީގައި ގުޅަބޭސް ބޭނުންކުރެ އެވެ. ބައެއް ހާލަތްތަކުގައި އިންސިއުލިން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަންޖެހެ އެވެ.
މާބަނޑު ދުވަސްވަރު ޖެހޭ ހަކުރު ބަލި:
ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު ބައެއް އަންހެނުންނަށް މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހެ އެވެ. ނަމަވެސް ވިހެއުމުން ގިނަ މީހުންގެ ހަކުރު ކޮންޓްރޯލްވެގެންދެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ 420 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މި ވަގުތު ވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ ކަމަށެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު 1980 ވަނަ އަހަރު ފަހުން ހަތަރު ގުނަ އިތުރުވެފައިވާއިރު، މި ގަރުނު ނިމޭއިރު އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބިލިއަނަކަށް އަރާނެ ކަމަށް ބުންޏެވެ.