އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް)ގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ސަމާލުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
އެ ކަމަނާ މިކަމަށް ގޮވާލެއްވީ، ”ވޯލްޑް އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އެވެއަރނަސް ވީކް“ އާއި ގުޅިގެން އޭ.އެމް.އާރްގެ ގައުމީ އެކްޝަން ޕްލޭން (2024-2029)ގެ މައްޗަށް އަލިއަޅުއްވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސާޖިދާ ވިދާޅުވީ އާންމު ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަން އަދި އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުވުމަށެވެ،
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓްގައި އެންމެ އިސްކަމެއް ދީފައިވަނީ އެންޓިބައޮޓިކް ބޭނުންކުރުމުގައި ފަރުވާތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންކުރާ ”ވަން ހެލްތު“ ނަޒަރިއްޔާތުގެ މައްޗަށެވެ. މީގެއިތުރުން، 2017 އިން 2022އަށް ޢަމަލުކުރެވުނު ފުރަތަމަ އެކްޝަން ޕްލޭންގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، މިއަމާޒުތައް ކަށަވަރުކޮށް، އެކި ސެކްޓަރުތަކުގެ މޮނިޓަރިންގ އާއި ގަވަނަންސް ހަރުދަނާކުރުމަކީ މި ޕްލޭންގެ އަމާޒެވެ.
ފަސްޓް ލޭޑީ ސާޖިދާ ވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މަސްލަހަތުވެރިންނާއި ޖަމާއަތްތަކަށް ވެސް ގޮވަލައްވާފައެވެ. އަދި އެންޓިބައޮޓިކް ބޭނުންކުރުމުގައި ޗެވެސް އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.