ރ. ވާދޫގެ ފުޓްސަލް ރަނަރ-އަޕް ”ނިއުބޯން އެފްސީ“އިން ރ. ވާދޫ ފުޓްސަލް ކަޕް 2025ގައި ވާދަކުރުމަށް ހުށަހަޅައިފިއެވެ.

ރ. ވާދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެ ޓީމުގެ ހުށަހެޅުން ބަލައިގެންފައިވަނީ އެ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އަރުޝަދެވެ.

ވާދޫގެ ފުޓްސަލް ރަނަރ-އަޕްގެ މަގާމަށް އެ ޓީމު ހޮވުނީ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ ފައިނަލްގައި ކުޅެގެން ފްލައިން ޑަޗްމަން އެ ޓީމުގެ މައްޗަށް ކުރި ހޯދުމުންނެވެ.

ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.

މިދިޔަ އަހަރު ވާދަވެރި ކުޅުމަކަށް ފަހު ފައިނަލް މެޗްގައި ފްލައިން ޑަޗްމެން، ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދީ، 3-4 ގެ ނަތީޖާއަކުންނެވެ.