އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނެ ކަަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލޭ ޕޮލިސް ސްޓޭޝަން އިން  31 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައަކާ ގުޅިގެން، ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ، ފުލުހުން ބުނީ މިފަދަ ކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމަކަށްވާއިރު، މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ކުރަން ޖެހޭ އެންމެހާ ކަންކަން އެ އިދާރާއިން ކުރާނެ ކަމަށެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުގެ މައިގަނޑު އަމާޒަކީ، ފުލުހުންގެ ހިދުމަތުގައި ތިބޭ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބު ދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކު ދެމިތިބޭ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމެއް ކަމަށެވެ.