ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ”ތަންމިނަށް“ ހުޅުވާލެވިފައި ކަމަށާއި، ނަމަވެސް އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ،މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ،ރައްޔިތުންގެ ގާތަށް ވަޑައިގެން މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީވެސް ހުރިހާ ވާހަކަތަކެއް ހިއްސާކުރެއްވުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށާ، ޚިޔާލު ތަފާތު ބޭފުޅަކު އެއްޗެއް ވިދާޅުވެދާނެކަމަކަށް ކަންބޮޑުވެވަޑައިނުގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކީވެސް އެމަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށާ، ކޮންމެ ރައްޔިތަކާ މެދުވެސް ސަރުކާރުން އަމަލުކުރައްވާނީ ޢަދަލުވެރިކަމާއި، ހަމަހަމަކަމާއެކުގައި ކަމަށެވެ. މީގެއިތުރުން، ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއްކަމަށާ، ޚަބަރު ފެތުރުމުގައި 2 ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިޢުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާ، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ،ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާ، އެއީ އިލާހީ ޤާނޫނު ކަމަށާ، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމަށެވެ. ހަމަމިއާއެކު،އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް ސަރުކާރުން،ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެކަމަށާ، މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.