ރައީސުލްޖުމްހޫރިއްޔާ އބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައިސް އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭ 10:00ގައި ރައީސުލްޖުމްހޫރިއާ ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ.
މި ބައްދަލުވުމުގައި ކޯވިޑް-19އާ ގުޅިގެން އެޅުމަށް އެންމެފަހުން ނިންމާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކަށް ގެންނަން ހަމަޖެހިފައިވާ ބަދަލުތަކުގެ ފަހުގެ ތަފްސީލު ޙިއްސާކުރައްވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މިއީ ފަހަކަށް އައީސް ކޯވިޑް-19ގެ ނުރައްކާ ދިވެހިރާއްޖޭގައި ބޮޑުވާން ފެށިފަހުން ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރު ބަލީގައި ފަރުވާދޭ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދުވަނި އިތުރުވާން ފަށާފައެވެ. އިއްޔެ އެކަނިވެސް މިބަލީގައި ރާއްޖެއިން 13 މީހުންވަނީ ނިޔާވެފައެވެ.
އެހެންވެ، މާލެ ޞަރަޙައްދާއި އަތޮޅުތަކުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި ކާފިއު ހިންގުމަށް މިހާރުވަނީ އަންގާފައެވެ.
