ރ. ދުވާފަރުގައި ކޯވިޑް-19 ފެތުރޭތީ، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ފެން މީޓަރުގެ ރީޑިންގ ނެގުމަށް އެމް.ޑަބް.ލިޔު.އެސް.ސީގެ މުވައްޒަފުން ގޭގެއަށް ނުދާ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިފިއެވެ.
މިގޮތުން އިންތިޒާމްކުރެވިފައި ވަނީ، ގޭބިސީތަކުން، މީޓަރު ނަންބަރާއި ރީޑިންގ ނަންބަރު ސާފުކޮށް ފެންނާނެ ގޮތަށް ފޮޓޯއެއް ނަގައި، ގޭގެ ނަންބަރާ އެކު 7999151 އަށް ވައިބަރ ކުރާ ގޮތަށެވެ. ކޯވިޑް-19ގެ ސަބަބުން، އެ ކުންފުނީގެ ގިނަ މުވައްޒަފުން އެކަހެރި ކުރެވިފައި ވާތީ، އެ ކުންފުނީގެ ދުވާފަރު އޮފީސް ބަންދުކުރި ނަމަވެސް، މިހާރު ވަނީ ކަސްޓަމަރ ސާރވިސްގެ ހިދުމަތްތައް ދޭން ފަށާފައެވެ.
ހިދުމަތް ހޯދުމަށް ދާއިރު، މާސްކް އެޅުމަށް އަދި ގައިދުރު ކަމަށް އިސްކަން ދިނުމަށް ފެން ކުންފުނިން އިލްތިމާސްކުރެއެވެ.
ދުވާފަރުގައި ކޯވިޑް-19ގެ ވޭދަނަތަށް އިތުރުވަމުން ދާތީ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ދުވާފަރު ޓާސްކް ފޯސްއިން ވަނީ އިތުުރު ފިޔަވަޅުަތަކެއް އެޅުމަށް ނިންމާފައެވެ. މިގޮތުން 27 ޖޫން 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ދުވާފަރުގައި 24 ގަޑިއިރަށް އިއުލާންކޮށް، ރަށް ފުރަބަންދު ކުރަން ވަނީ ނިންމާފަ އެވެ.
މި 7 ދުވަހު އެ ރަށަށް އަރައިފޭބުން ވެސް މަނާވާނެއެވެ.
އެކްޓިވް ވޭދަނައިގެ ގޮތުގައި 54 ވޭދަނަ ދުވާފަރުގައި މި ވަގުތު އެބަ އުޅެއެވެ.
ކޯވިޑް-19ގެ ބަލި ހަލުއިކޮށް ފެތުރެމުންދާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ވެސް އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކޮށް، ކޮންޓެކްޓް ޓްރޭސިންނަށް އެއްބާރުލުން ދިނުމަށް ދުވާފަރު ހެލްތު ސެންޓަރުން ވަނީ އެދިފައެވެ.