ރ. ވާދޫން 183 މީހުން ކޯވިޑް-19ން ދިފާއުވުމަށް ޖަހައި ވެކްސިންގެ ދެ ޑޯޒް ޖަހައިފި އެވެ.
މިހާ ތަނަށް ރ. ވާދޫ ލައިވް އަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވެކްސިން ފުރިހަމަ ކުރި، 183 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ”ކޮވިޝީލްޑް“ ޖެހި 139 މީހުންނާއި ޗައިނާގެ ”ސިނަފާމް“ ޖެހި 44 މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒަށް ބަލާލާއިރު، ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 250 މީހުންނެވެ. އެއީ އިންޑިއާގެ ”ކޮވިޝީލްޑް“ ޖެހި 209 މީހުންނާއި ޗައިނާގެ ”ސިނަފާމް“ ޖެހި 41 މީހުންނެވެ.
ކޮވިޝީލްޑް އަދި ސިނަފާމްއަކީ ކޯވިޑް-19 ދިފާޢު ކެމްޕެއިންގެ ތެރެއިން މިހާ ތަނަށް ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ޖެހި ދެ ވެކްސިނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައި ވަނީ މި ދެ ވެކްސިނަށް ވެސް ހުއްދަ ދީފައިވަނީ މިޙާލަތަށް ރިޔާއަތް ކޮށް ”ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން.“ގައި ބޭނުން ކުރުމަށް ކަމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ކަމަށެވެ، އަދި މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު ފަންނީ ލަފާދޭ ނޭޝަނަލް ފާމަރސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާގެ މަތިންކަމަށެވެ.
އެމްއެފްޑީއޭން ބުނީ ”ކޮވިޝީލްޑް“ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން މި ދެ ވެކްސިނާއި ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކުޔުންތައް ދިރާސާކޮށްފައިވާކަމަށެވެ.
