ކޯވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހަން ބޭނުންވާ މީހުން ނަންނޯޓް ކުރުމަށް ވާދޫ ސިއްހީ މަރުކަޒުން އެދެފި އެވެ.
އެ މަރުކަޒުން ބުނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކުން 4 އޯގަސްޓް 12:00ގެ ކުރިން ނަންނޯޓް ކުރުމަށް އެދޭ ކަމަށެވެ.
ނަންނޯޓް ކުރުމަށް އެ މަރުކަޒުގެ ނަމްބަރު 9480399 އަށް ގުޅުއްވުމަށް ވާދޫ ސިއްހީ މަރުކަޒުން އެދެއެވެ.
ރ. ވާދޫގައި މިހާ ތަނަށް 219 މީހުން ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައި ވެއެވެ.
މިހާ ތަނަށް ރ. ވާދޫ ލައިވް އަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވެކްސިން ފުރިހަމަ ކުރި، 219 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ”ކޮވިޝީލްޑް“ ޖެހި 175 މީހުންނާއި ޗައިނާގެ ”ސިނަފާމް“ ޖެހި 44 މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒަށް ބަލާލާއިރު، ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 250 މީހުންނެވެ. އެއީ އިންޑިއާގެ ”ކޮވިޝީލްޑް“ ޖެހި 209 މީހުންނާއި ޗައިނާގެ ”ސިނަފާމް“ ޖެހި 41 މީހުންނެވެ.
ކޮވިޝީލްޑް އަދި ސިނަފާމްއަކީ ކޯވިޑް-19 ދިފާޢު ކެމްޕެއިންގެ ތެރެއިން މިހާ ތަނަށް ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ޖެހި ދެ ވެކްސިނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައި ވަނީ މި ދެ ވެކްސިނަށް ވެސް ހުއްދަ ދީފައިވަނީ މިޙާލަތަށް ރިޔާއަތް ކޮށް ”ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން.“ގައި ބޭނުން ކުރުމަށް ކަމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ކަމަށެވެ، އަދި މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު ފަންނީ ލަފާދޭ ނޭޝަނަލް ފާމަރސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާގެ މަތިންކަމަށެވެ.
އެމްއެފްޑީއޭން ބުނީ ”ކޮވިޝީލްޑް“ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން މި ދެ ވެކްސިނާއި ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކުޔުންތައް ދިރާސާކޮށްފައިވާކަމަށެވެ.
