ރ. އިންނަމާދޫގައި ކުރިއަށްދާ، ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023ގައި ކުޅުނު ދެ މެޗުންވެސް ބަލިވެ އިންނަމާދޫއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގައި އިންނަމާދޫ އެންމެ ފުރަތަމަ ބައްދަލުކުރީ ރ. އަލިފުށްޓާއެވެ. އެމެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލިފުށީ ރިކްރެއޭޝަނަލް ކުލަބެވެ.

މިމުބާރާތުގައި އިންނަމާދޫން ކުޅުނު ދެވަނަ މެޗު، އާދީއްތަ ދުވަހުގެ ހަވީރު ކުޅެފައިވާއިރު ވާދަކުރީ 2022 ގެ ރަނަރ-އަޕް އިނގުރައިދޫއާއެވެ.

މިމެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ.

މުބާރާތުގައި އިނގުރައިދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ރ. މަޑުއްވަރީ އަތުން މޮޅުވެފައިވާއިރު، ދެމެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. އަދި އެ ޓީމުން މިވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފައެވެ.

ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.