އަލިފުށި ޓީމުން ރ. އަތޮޅު ރޯޝަން ކުރުވައިފި ކަމަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.
ގޯލްޑް ކަޕް 2024ގައި ރ. އަލިފުށި އަދި އައްޑޫ ސިޓީ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު، ރައީސް ނާސިފް ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ގޯލްޑް ކަޕް 2024ގައި އަލިފުށި ޓީމުން ކުޅުނު ހިތްގައިމު ރީތި މޮޅު ކުޅުމާއި މުބާރާތުގެ ސެމީއަށް ދަތުރުކޮށް ހޯދި ފުރިހަމަ ކާމިޔާބީއާމެދު ފަހުރުވެރިވާ ކަމަށެވެ.
ރައީސް ނާސިފް ވަނީ ތަޖުރިބާކާރު ކޯޗް ކުޑަ ހީނާގެ އިރުޝާދުގެ ދަށުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ޓީމުގެ އެންމެހައި ކުޅުންތެރިން ކަށިން ހިތްވަރުނެރެ ކުރި ބުރަ މަސައްކަތާއި ދެއްކި ސާބިތުކަމަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ. އަދި ޒުވާން ޓިމެއް ގޮވައިގެން ނުކުމެ މި ހިސާބަށް ދަތުރުކުރުމުގައި މެނޭޖްމަންޓުން ކުރި ހިތްވަރުގަދަ މަސައްކަތްތަކާއި ސަޕޯޓަރުން ދެއްކި ނަމޫނާއަށްވެސް ޝުކުރު ހައްގު ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލިފުށި ޓީމުން ރ. އަތޮޅު ރޯޝަން ކުރުވައިފި ކަމަށެވެ. އެ ޓީމަށްޓަކައި މުޅި އަތޮޅު ފަހުރުވެރިވާ ކަމަށާއި ފަހުރުވެރިކަމާއެކު ބުނެލަން އޮތީ މިމުބާރާތުގެ ރ. އަތޮޅުގެ ދަރީންގެ ޗެމްޕިއަންއަކީ އަލިފުށި ޓީމް ކަމަށެވެ.
ވަރުގަދަކޮށް ފެނުނު އަލިފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގޯލްޑް ކަޕްގެ ފައިނަލަށް އައްޑޫ ސިޓީ ވަނީ ދަތުރުކޮށްފައެވެ.
އައްޑޫން ފައިނަލާ ހަމައަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. މުބާރާތުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އައްޑޫއެވެ.
ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމުގެ ތެރެއިން މުޅި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ކުޅުނު އެއް ޓީމަކީ އަލިފުއްޓެވެ. ކުއާޓާ ފައިނަލު މެޗުގައި ފަހަތުން އަރައި ފުވައްމުލަކާ އެއްވަރުކޮށް ޕެނަލްޓީން ވެސް ކުރި ހޯދިއެވެ.
ފައިނަލަށް ކުރި އުންމީދުގައި ހިތްވަރު ގަދަ ކުޅުމެއް ދެއްކި ނަމަވެސް، އައްޑޫން އެ ފުރުސަތެއް އަލިފުއްޓަކަށް ނުދިނެވެ.
