ރ. އަތޮޅުގެ ވެރިކަންކުރާ އުނގޫފާރުން ފުރައިގެން 15 މީހުންނާއެކު ށ. އަތޮޅުގެ މިލަންދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އުނގޫފާރުން ފުރައިގެން މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ށ. މާކަނޑުދޫ ކައިރިން ބަންޑުން ޖަހާލައިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިލަންދުއާ 7 މޭލު ދުރުން ލޯންޗު ބަންޑުން ޖަހާލީ މިއަދު އިރުއޮސުނު ވަގުތުގައެވެ.

މިއަދު މެންދުރު 14:30ގައި އުނގޫފާރުން ފުރި މިލޯންޗުން 6 އަންހެނުންނާއި، 4 ފިރިހެނުންނާއި، ފަސްކުޑަކުދިން ދަތުރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. މިއެންމެންވެސް ށ. މިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް މިޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހުރިހާ އެންމެންވެސް ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އެކަކު ފިޔަވާ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މީގެ ތެރެއިން އެކަކަށް އަދިވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށާއި ހާދިސާގެ ގޮތުން ލޯންޗުގައި ތިބި މީހުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަމަށެވެ.

ބަންޑުން ޖަހާލާފައިވަނީ އުނގޫފާރުން އާއިލާއެއްގެ މީހުން ގޮވައިގެން ދަތުރު ކުރި ލޯންޗެކެވެ.