ރ. ފައިނުގައި 18 އަހަރުން ދަށުގެ ދަރިވަރަކު ދުއްވި ސައިކަލެއް، އެ ރަށުގެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ކުދިން ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ މީހުންގެ ގައިގައި ޖެހިގެންނެވެ.
އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ ތެރެއިން ދެ ކުދިންނާއި ޓީޗަރަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް މިރޭ ގާތްގަނޑަކަށް 9:30 ހާއިރު ގެންގޮސްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ 7:30 ހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 8:30 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ޔޫއާރްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ ކުދިންނާއި ދެ މީހުންނަށް އެ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް ނުދެއްވައެވެ.
