ބަނޑުހައިހޫނުކަން ފެތުރިފައިވާ ޣައްޒާގައި އެހީ ހޯދަން ނުކުންނަ މީހުން ގަޔަށް ބަޑިޖަހަން އިސްރާއީލު ސިފައިންނަށް އަމުރުކުރި ކަމަށް ބުނެ ނުރުހުން ފާލުކުރަން ފަށައިފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، ބަނޑުހައިހޫނުކަމުގެ ތެރޭގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މީހުން އެހީގެ ސާމާނު ހޯދުމަށް ނުކުތުމުން، ”ގަސްދުގައި ބަޑިޖަހަން“ އިސްރާއީލުގެ ސިފައިންނަށް އަންގާފައިވާކަމަށް ޚަބަރު ލިބޭ ކަމަށެވެ. އަދި މިއީ ޣައްޒާގައި ހިނގަމުންދާ ”ހަނގުރާމައިގެ ޖަރީމާތަކުގެ“ އިތުރު ހެއްކެއް ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުމުގެ ނަމުގައި ހިންގާ މަރުކަޒުތައް ”މީހުން މަރާ ސަރަހައްދުތަކަށް“ ބަދަލުވެފައިވާ ކަމަށް އދގެ އޯގަނައިޒޭޝަން ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) ގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ މަދަނީ ދިފާއީ ވަކީލުން ބުނާ ގޮތުގައި ހުކުރު ދުވަހު އިސްރާއީލު ސިފައިން ފަލަސްތީނުގެ 100 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ ދެކުނުގައި ހިންގާ އެހީ ބަހަން ހުރި ތަންތަނުގެ ތެރެއިން އެއް ސަރަހައްދު ކައިރީގައި ތިބި ހަ މީހަކު ވެސް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެމެދު ހިނގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 56،331 މީހުން ޝަހީދުވެ، 132،632 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި އަސާސީ ބޭހާއި ސާފު ބޯފެން ނުލިބި، އާންމު ބަލިތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަމަށް ވެސް އދ.އިން ބުނެއެވެ.

އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާ، އޯސީއެޗްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި ދެ ހަފްތާގެ ތެރޭގައި ބޭރަށް ހިންގުމުގެ 19،000 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފުރަމެއަށް ގެއްލުން ލިބިގެން އިތުރު 200 ކޭހެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ބަލިމަޑުކަން ސީދާ ގުޅިފައިވަނީ ޣައްޒާގައި ސާފު ފެނާއި ސާފުތާހިރުކަން ނެތުމާ ކަމަށާއި، މިއީ އާންމު ސިއްޙަތުގެ ނިޒާމު އިތުރަށް ގޯސްވުން ހުއްޓުވުމަށް، ތެލާއި ސިއްޙީ ސާމާނާއި ފެނާއި ސާފުތާހިރުކަމުގެ ތަކެތި އިންތިހާއަށް ބޭނުންވާކަން އިތުރަށް ހާމަވެގެންދާ ކަމެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ސިފަކޮށްފައެވެ.

ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ތިން މަހެއްހާ ދުވަސްވަންދެން އިސްރާއީލުން ހުރަސްއެޅުމަށް ފަހު މިހާރު އެ ސަހަރަށް އެތެރެ ކުރެވެނީ އެހީގެ ސާމާނުގެ ކުޑަ މިންވަރެކެވެ. ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ.

ޣައްޒާއަށް ހުއްޓުމެއްނެތި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ޢުދުވާނުތަކުގައި ފެން އުފައްދާ މަރުކަޒުތަކާއި ހަސްފަތާލުތަކާއި، ކަރަންޓު ވިއުގަތައް ވެސް ވަނީ ސުންނާފަތިކޮށްލައިފައެވެ.

އޭގެ މައްޗަށް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ފަލަސްތީނުގެ އާންމުންގެ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ