ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ، 1 އޮގަސްޓު 2025 އަށް 20 އަހަރު ފުރުމާއި ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ފަށައިފިއެވެ.

އުރީދޫއިން ބުނީ، އުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އެޕްރީލް މަހު ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށާފައި ކަމަށެވެ. އެގޮތުން މިކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ. އަދި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ، އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ ކަމަށާއި އަދި މި ބޯނަސް ޑޭޓާ 4 ހަފުތާއަށް ބޭނުންކުރެވޭނެ ކަމަށްވެސް އުރީދޫން ވަނީ ބުނެފައެވެ.

އަދި އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ ”ސްޕިން ދަ ވީލް“ ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ އެވެ.

އުރީދޫއިން ބުނީ، އޮގަސްޓް މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.