އިނގިރޭސިވިލާތުގެ ފިލްމީތަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޖަލަށްލުމަށް ލުމަށް ހުކުމްކޮށްފައިވާ ސަންދަރަލިންގަމް ކޫޑަކިންގަމްއަކީ ދިވެއްސަކަށް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ސަންދަރަލިންގަމް ކޫޑަކިންގަމްއަކީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ލަންޑަނުގެ މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ދިވެއްސަކު އިނގިރޭސިވިލާތުގެ ފިލްމީތަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކުރި ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައެވެ.

ސަންދަރަލިންގަމް ކޫޑަކިންގަމް ނަމަކަށް ކިޔާ 36 އަހަރުގެ އެ މީހާއަކީ ދިވެއްސެއް ކަމަށް ބުނެ ޚަބަރުތައް ފެތުރުމުން އިމިގްރޭޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އޮޅުން އަރާ ގޮތަށް އެފަދަ ޚަބަރުތައް ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ރިޕޯޓުކޮށްފައިވާ ހާދިސާގައި އަނިޔާ ލިބިފައި ވަނީ ލަންޑަނުގެ މެދުތެރޭގައި ހުންނަ ޖޭޑް ތައި މަސާޖުޕާލާގައި މަސައްކަތްކުރާ މީހަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާއަކީ ދިވެއްސެއް ކަމަށް ބޭރުގެ ބައެއް ނޫސްތަކުންވެސް ރިޕޯޓުކޮށްފައިވާއިރު އޭނާގެ ނަން އެންމެ ވައްތަރީ އިންޑިއާގެ ނަމަކާއެވެ.

އޭނާއާއި ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބޭއިރު އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ 30 އަހަރުގެ ބަޠަލާއެއް އަދި ލަވަކިޔުންތެރިޔަކަށެވެ.