އިސްރާއީލުން ޣައްޒާ އިސްތިއުމާރުކުރަން ނިންމުން ހުޅަނގުގެ ގިނަ ގައުމުތަކުން ކުށްވެރިކޮށްފިއެވެ.

ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސް (އީއީއޭއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމުގެ މަޤްޞަދުގައި އިސްރާއީލު ސަރުކާރުން މުޅިން އައު ބޮޑު އަސްކަރީ އޮޕަރޭޝަނެއް [ޖަރީމާއެއް] ފެށުމަށް ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އޮސްޓްރޭލިއާ، އޮސްޓްރިއާ، ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ނިއުޒީލެންޑް، ނޯވޭ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.\

މިމައްސަލާގައި ގައުމުތަކުން ނުރުހުން ފާލުކުރި ނަމަވެސް ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީ ހިފައި، އިސްތިއުމާރު ކުރުމަށް އިސްރާއީލުން ނިންމި މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާކަށްއިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން ތާއީދެއްނުކުރިއެވެ.

ގާޒާ ސީޓީގެ މައްސަލާގައި ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށާނީ ޖީއެމްޓީ ގަޑިން މިއަދު 14:00 ގައެވެ.

މި ބައްދަލުވުމަކީ، ޑެންމާކް، ފަރަންސޭސިވިލާތް، ގްރީސް، ޔޫކޭއިން އެދިގެން ބާއްވާ ބައްދަލުވުމެކެވެ.

އދގެ މަސްދަރުތައް ބުނާގޮތުގައި، ސަލާމަތީ މަޖިލީހުގެ 15 މެމްބަރު ގައުމުގެތެރެއިން އެމެރިކާ ފިޔަވައި، އެހެން ހުރިހާ ގައުމަކުންވަނީ ކުއްލި ބައްދަލުވުން ބޭއްވުމަށް ތާއީދު ދީފައެވެ. އެމެރިކާއިންވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާއިން ދެކޮޅު ހެދިނަމަވެސް، ބައްދަލުވުން ކުރިއަށްދާނެއެވެ.

ޣައްޒާގެ އެންމެ މައި ސިޓީ ކަމަށްވާ އަދި ވެރިކަންކުރާ ގާޒާ ސިޓީ ގަދަބާރުން ހިފައި، އިސްތިއުމާރުކުރުމަށް އެކުލަވާލި ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އިސްރާއީލުގެ މި ނިންމުމަށް މުޅި ދުނިޔެއިން ގެންދަނީ ދެކޮޅުވެރިކަން ފާޅުކުރަމުންނެވެ.