އާދެ،“ މާތްވެގެންވާ ހަނދުވަންހައިގެ ރަސްގެފާނެވެ.“ — މިއީ އިސްދޫ ލޯމާފާނުގައި ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނު ކޮއިމަލާ ރަސްގެފާނަށް މުޚާތަބުކޮށްފައިވާ ގޮތެވެ. ކޮއިމަލާ ރަސްގެފާނު ދިވެހިރާއްޖޭގައި ގާއިމުކުޅަ ރަސްކަމަކީ ރާއްޖޭގެ ފުރަތަމަ ރަސްކަން ކަމުގައި ގިނަ ތާރީޚީ ލިޔުންތަކާއި ފަތްފޮތްތަކުގައި އިއްތިފާޤުވެފައިވެއެވެ. މިޒަމާނުގެ ތާރީޚު ދިރާސާކުރައްވާ ދިރާސާވެރިންވެސް މިކަމުގައި އިއްތިފާޤުވެއެވެ.

އަޙުމަދު އަލާ ދީދީ އޭނާގެ ތާރީޚީ ލިޔުއްވުމެއް ކަމަށްވާ ”މާޅޮސް މަޑުލު: އެވޭލާ ޒަމާނުގެ ބައިނަލްއަގުވާމީ ބަނދަރެއް“ މިލިޔުމުގައި ބުނެފައިވަނީ،  ބޯދާ ދިވެހި ތާރީހާއި މާޅޮސް މަޑުލާ ގުޅައިދޭ ވާހަކައެއްގެ ގޮތުގައި މަޝްހޫރު ކޮއިމަލާކަލޯގެ ވާހަކަ ފާހަގަކުރެވޭ ކަމަށެވެ. މިވާހަކަ ބޮޑަށް ގުޅެނީ މާޅޮސް މަޑުލު އުތުރު ނުވަތަ ރ. އަތޮޅަށެވެ.

ކޮއިމަލާ ވާހަކަ އައިސްފައިވާ ގޮތަށް ބަލާއިރު މި ޝާހީ ޖޯޑަކީ (ކޮއިމަލާކަލޯއާއި އެރަސްގެފާނުންގެ އަނބިކަނބަލުންނަކީ) އިންޑިޔާގެ ރަސްކަލެއްގެ ދަރިކަލަކާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މި ރަސްފުތް މަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު ދެކެ ކޯފާވެގެން އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި 700 އަޅުން ދެ ނަވަށް ލައްވާފައި ފުރުވައިލެއްވީއެވެ. ދެން މި ބޭފުޅުންނަށް ވަޑައިގެންނެވުނީ ދިވެހިރާއްޖޭގެ ރަސްގެތީމަށެވެ.

ރ. ވާދޫ | މިއީ ކޮއިމަލާކަލޯއާ އެކު އައި ވާވެރިން ފޭބި ރަށް ކަމުގައި ބުނެވޭ — ފޮޓޯ: ރ. ވާދޫ ލައިވް

މާތްވި އިސްލާމްދީން ރާއްޖެ އައުމުގެ ކުރިން ރާއްޖޭގައި ފުރަތަމަ މީހުން އާބާދުވެ ރަސްކަމެއް ފެށުނީ ރ. ރަސްގެތީމުގައި ކަމަށް ތާރީހުގެ ފޮތްތަކުގައި ވެއެވެ. އެއީ ކޮއިމަލާކަލޯ ކުރެއްވި ރަސްކަމެވެ.

އަހުމަދު އަލާ ދީދީ ލިޔުއްވާފައިވާ ގޮތުގައި، ކޮއިމަލާ ރަސްގެފާނު ރަސްގެތީމުގައި ބަނދަރުކުރެއްވީ އެ އަތޮޅުން އެރަސްގެފާނު ދެކެވަޑައިގަތް އެންމެ މަލަރީތި ރަށް ކަމަށް ވާތީއެވެ. އެރަށަށް ރަސްގެ ތީމު ކިޔުނެވެ. އަޅުވެރީން ފޭބި ރަށަށް އަޅުގެ ތީމު (އަނގޮޅިތީމު) ކިޔުނެވެ. އަދި ވާވެރިން ފޭބި ރަށަށް ވާދޫ އޭ ކިޔުނުކަމުގައިވެއެވެ.

ރަށު ވަނަވަރު – ރ. ވާދޫ 

ރާއްޖޭގެ ޤަދީމީ ރަސްމަތިފުށާ ގުޅިފައިވާ ރ. ވާދޫއަކީ ”އަލިފުށި އަތޮޅު“ގެ ދެކުނަށް އޮތް މާރަށެކެވެ. އާދަޔާ ޚިލާފަށް ރެދަންލާތީ އެކަމަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށެވެ. މިރަށަކީ މުޅި އަތޮޅުގައިވެސް ސުވެނިއަރ ސާމާނު ހެދުމަށް އެންމެ މޮޅު ރަށެވެ. 2017 ވަނަ އަހަރުގެ ”ކަންގަތި އެވޯޑްސް“ އަދި ސިވިލް ސަރވިސްއިން ދޭ އިނޮވޭޝަން އެވޯޑްވެސް މިރަށަށް ލިބިފައިވެއެވެ. މި ރަށުގައި ކާޑުގެއެއްގެ ގޮތުގައި ބޭނުންކުރަމުން އައި 200 އަހަރަށްވުރެ ގިނަ ދުވަސްވީ އިމާރާތެއް ހުރެއެވެ. އެތަން ދާރުލްއާޘާރަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ދޮންވެލި ދެ ތުނޑި (ރަށުގެ އުތުރުކޮޅު އަދި ދެކުނުކޮޅުގައި) އަދި ރަށާ ގާތުގައި ”ވާދޫ ފިނޮޅު“ ކިޔާ މަޝްހޫރު ފިނޮޅެއް އޮވެއެވެ.

އިހުގެ ވާވެރިންގެ ވާދޫ – މިއަދުގެ ރެދަން ވާދޫ

ވާވެރިންނަކީ ރާވެރިކަމާއި ވަލުން އާމްދަނީ ނެރުމުގެ މީހުންނެވެ. ފަހަކާ ޖެހެންދެން ވެސް ވާދޫގެ އާމްދަނީ އަކީ ވަލުން އުފައްދާ ތަކެއްޗެވެ. ރާވެރިކަމާއި އޭގެ ނަފައެވެ. މަސްވެރިކަމަކީ ވާދޫގެ ދެވަނަ މަސައްކަތެވެ. ރާވެރިކަމަށް ހާއްސަ ވާދޫގައި ރާވެރިންގެ މާލޫދު ކިޔައި އުޅުނެވެ. ރާވެރިންގެ ވާދޫ މިއަދު ވެފައިވަނީ “ރެދަން ވާދޫ”އަށެވެ.