ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން 27،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، 210 މީޓަރުގެ ސަރަހައްދެއްގައި ރޮކް އޭޕްރަން ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން އެޅުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. އަދި މަޝްރޫއުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި ވަގުތީ އެނދުތައް ނެގުމާއި ލެވެލް ކުރުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައިކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ސަބަބުން ހޯރަފުށީގައި ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.