މިރޭ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެހެންނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރައްވައިފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ދެއްވި މައުލޫމާތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެ ކަމަށް ލަފާކުރައްވާފައިވެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ވައިޖެހޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ކަމަށް މެޓުން ލަފާކުރައްވައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުވާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރައްވައިފައިވެއެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.