ރ. އިންނަމާދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ އެ ސަރަހައްދުގެ ބައުންޑަރީ ވޯލްގެ ފުރާޅު އެޅުމާއި ކޮންކްރީޓް ހެދުމުގެ މަސައްކަތްތަކެވެ.
2.4 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މި އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުތައް ނުވަތަ ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި މަސައްކަތްތަކުގެ ތެރެއިން އިންނަމާދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
