ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ”ނިއުޔޯކް ޑެކްލެރޭޝަން“ ގެ ނަމުގައި ހުށަހެޅުނު ގަރާރު، ދިވެހިރާއްޖޭގެ ވޯޓާއެކު އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި ބޭއްވުނު ވޯޓުގައި، 142 ގައުމެއްގެ ތާއީދާއެކު މި ގަރާރު ފާސްކުރެވުނެވެ. މި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓުދިން އިރު، 12 ގައުމަކުން ވަނީ ވަކި ފަރާތަކަށް ވޯޓު ނުދޭން ނިންމާފައެވެ.
މި ޑެކްލަރޭޝަނަކީ މިއަހަރުގެ ޖުލައި މަހު ސައޫދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ބައްދަލުވުމުގެ ނަތީޖާއެކެވެ. މި ގަރާރުގައި ފަލަސްތީނުގައި މިނިވަން، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ގަރާރަކީ ބައިނަލްއަގުވާމީ އުސޫލުތަކާއި، ސަރަހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިތުރަށް ހަރުދަނާ ކުރެވޭނެ ފިޔަވަޅެކެވެ. ދިވެހިރާއްޖެއިން ދެކޭގޮތުގައި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމާއެކުގައެވެ.
އިސްރާއީލުން މި ގަރާރާ ދެކޮޅު ހަދާފައިވާއިރު، މި ގަރާރުގައި ހަމާސްގެ އަމަލުތައް ކުށްވެރިކޮށް، އިސްރާއީލްގެ އަސީރުން މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މިހާރުވެސް ޣައްޒާގައި ފަންސާހަކަށް އަސީރުން ތިބި ކަމަށާއި، އޭގެ ތެރެއިން ވިއްސަކަށް މީހުން ދުނިޔޭގައި ތިބި ކަމަށް އެ ގައުމުން ގަބޫލުކުރެއެވެ.
