މާލެއަތޮޅު ކާށިދޫ ފަޅުގައި ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރިސޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 115.21 ހެކްޓަރުގެ ސަރަޙައްދެއްގައި، 10 ހެކްޓަރުގެ ރަށެއް ހިއްކައިގެންނެވެ. އަދި މި ރިސޯޓުގައި މަދުވެގެން 100 އެނދު ހުންނަންޖެހޭނެ ކަމަށް އެ ވުޒާރާއިން ބަޔާންކުރައްވާފައިވެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، ދިވެހި އަދި ބިދޭސީ ކުންފުނިތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.
ބީލަމާ ގުޅޭ ފޮތް ގަތުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ސެޕްޓެމްބަރު 14 އިން ނޮވެމްބަރު 19 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އާ ދެމެދު އެ ވުޒާރާގެ ރިސެޕްޝަނުން ބީލަން ފޮތް ލިބިވަޑައިގަންނަވާނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ އޮކްޓޫބަރު 21 ވަނަ ދުވަހު އޮންލައިންކޮށެވެ.
