މާތް ﷲ، އިންސާނުން މި ބިމުގައި ޚަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށް ޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވިއެވެ. މި އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީނަށެވެ. މުޙައްމަދު صلى الله عليه وسلم އެންމެހައި މީސްތަކުންނަށް، ﷲގެ ޙަޟްރަތުން ގެނެސް ދެއްވި ދީނަކީ ވެސް އިސްލާމް ދީނެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މި ދީން، އޭގެ މައްޗަށް ބިނާވެގެންވާ ދެ މަޞްދަރެއް ވެއެވެ. އެއީ، މާތް ﷲގެ ކަލާމްފުޅާއި ނަބިއްޔާ zގެ ސުންނަތެވެ. ކީރިތި ޤުރްއާނާ ނުލައި ދީން ފުރިހަމަ ނުވާ ފަދައިން ސުންނަތާ ނުލައި ވެސް ދީން ފުރިހަމައެއް ނުވާނެއެވެ.
މުސްލިމް އަޚުންނޭވެ! އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރާންޖެހެއެވެ. އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހެއެވެ. ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.
”އެއުރެން އެދެނީ، ﷲގެ نورފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި كافرން ނުރުހުނުކަމުގައި ވިޔަސް ﷲ، އެކަލާނގެ نورފުޅު ފުރިހަމަކުރައްވާހުއްޓެވެ.“
މުސްލިމް އަޚުންނޭވެ! އިސްލާމްކަމަކީ ﷲ تَعَالَىއަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވުމެވެ. އަދި ޝިރުކުކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ.
އަހަރެމެންގެ ދީނީ ޝަޚުޞިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިޢާރެކެވެ. އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެންނެއް ނުވާނެއެވެ. އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެ ކަންކަމެވެ. މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ z ވަނީ މަނާކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.
”ބަޔަކު މީހުންނާއި ވައްތަރުވި މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ.“
އެ މީހެއްގެ ދީން ރައްކާތެރިކުރަން ބޭނުން މީހާ މި ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ.
މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށް ވިޔަސް، އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށެވެ. އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނާކަށް އެބައިމީހުން ނުރުހެއެވެ. އެބައިމީހުން ބޭނުންވަނީ، އެ މީހުންގެ ކޮށި ވިސްނުން، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އިސްކުރުމަށެވެ. މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެއެވެ. އެ މީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲގެ ޙުކުމްފުޅުތަކަކީ، ހަމައެކަނި ރަސޫލާ صلى الله عليه وسلمގެ ޙަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމުގައެވެ. މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުމެވެ.
އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔަކީމުއެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާ އެކުގައެވެ. މި ގޮތުގައި އިސްލާމްދީން މަތީގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިހާރު މި ވަނީ ނުވަސަތޭކަ އަހަރާ ގާތްވެފައެވެ. ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް މަނާކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި ޝިޢާރެކެވެ. އެއީ އީމާންކަމުގެ މަތިވެރި ސިފައެކެވެ. މުއުމިނުންނަކީ، ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސަށް ޓަކައި ދިރިއުޅޭ ބަޔެއް ނޫނެވެ. އެ މީހުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަޚުންނަށް ވެސް އެދޭ މީހުންނެވެ. އަދި ނުބައި ކަންކަމުން އެ މީހުންގެ އަޚުން ރައްކާތެރިކުރާ މީހުން ވެސް މެއެވެ. ރަނގަޅު ފަރުދަކު ބިނާކުރެވޭން އޮތީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެންނެވެ. މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެންނެވެ.
އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ، އިސްލާމްކަމުގެ ނިޢުމަތެވެ. އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިވީ ނުވަސަތޭކަ ވަރަކަށް އަހަރު، އަހަރެމެންގެ ކާބަފައިން މި ދީން އަހަރެމެންނާ ހަމަޔަށް ގެނެސްދެއްވައިފައިވަނީ އެކި ދުވަސްވަރުގައި ދީނާ ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާޢުކޮށް ޖިހާދުކޮށްގެންނެވެ. އެހެންކަމުން އަންނާންއޮތް ޖީލުތަކަށް މި ދީން ފޯރުކޮށްދެވޭނީ އަހަރެމެން ޤުރުބާނީތަކެއް ވެގެންނެވެ. ކަނޑިއާއި ބަޑި ބޭނުންކޮށްގެން ދީނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ފިކުރީ ގޮތުން ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރިކުރެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލަކަށް ފަހު ޖީލެއް ބިނާކޮށްގެންނެވެ. ޤުރްއާނާއި ސުންނަތުގައިވާ އަމުރުތަކާއި އިރުޝާދުތަކަށް ތަބާވާ ބަޔަކު އުފަންކޮށްގެންނެވެ. މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން ބައިބައިނުވެ އެކަލާނގެ ދީނުގައި ސާބިތުވެ ތިބެގެންނެވެ.
