ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންމެ ދިވެއްސަކުވެސް ޤައުމު އިސްކޮށް، ޤައުމާއި އެއްކޮޅަށް ވިސްނާނަމަ، ދިވެހި ޤައުމުގެ މިނިވަންކަން ދެމިއޮންނާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ފަޚުރެއްކަމުގައި އަދި ޒިންމާއެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ މީހަކަށް ހަތިޔާރު ނުދެވުނު ނަމަވެސް، އެންމެ ބާރުގަދަ ހަތިޔާރު ކަމަށްވާ ސިކުނޑިއާއި ވިސްނުން ކޮންމެ މީހެއްގެ އަތުގައިވެސް އެބައޮތް ކަމަށެވެ. އެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކޮށް، ރެޔާއި ދުވާލު ޤައުމަށްޓަކައި މަސައްކަތްކުރާހާ ހިނދަކު ޤައުމާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޤައުމާ އެއްކޮޅަށް ވިސްނުން ބޭނުން ނުކުރާނަމަ، ގެންނަ ތަރައްޤީގެ އެއްވެސް ބޭނުމެއް ނެތްކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

މިއަދުގެ ދުނިޔޭގައި މިނިވަންކަމަށް އަންނަ ހަމަލާތަކުގެ ބާވަތް ބަދަލުވެފައިވާކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ކުރިން ހަތިޔާރާއެކު އަރައިގެން މިނިވަންކަން ނަގާލި ނަމަވެސް، މިއަދު ޓެކްނޮލޮޖީގެ ޒަމާނުގައި އަޅުގަނޑުމެން ޣާފިލުވެ ތިއްބާ، ނޭނގިތިއްބާ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެމަނިކުފާނު މިސާލު ދެއްވަމުން ވިދާޅުވީ،

 ”މިއަދު ފެނިދާނެ އަޅުގަނޑުމެންގެ ފަތުރުވެރިކަން ނައްތާލުމަށް ފަތުރުވެރިކަމާ ދެކޮޅަށް، މިސާލަކަށް މިދަންނަވަނީ، ބަޔަކު ކަންތައްތަކެއް ދިވެހިންގެ ބަޔަކު ބައިވެރިވެގެން ކުރާތަން.“

ރައީސް ވިދާޅުވީ ކޮންމެ އަފުރާދަކު ޤައުމާއި އެއްކޮޅަށް ވިސްނާނަމަ، އަތުގައި އޮންނަ ފޯނާއި މީސްމީޑިއާގެ ޙަޤީޤަތް ބޭނުންކޮށްގެން ޤައުމާއި އެއްކޮޅަށް މަސައްކަތްކޮށްފިނަމަ، އިސާހިތަކު އެކަހަލަ ހުރިހާ ހަމަލާތަކެއް ނައްތާލެވޭނެ ކަމަށެވެ. އަދި ޤައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނިފޯމުގައި ތިބެގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒު އިލްތިމާސް ކުރެއްވީ ޤައުމުގެ އަބްތާލުން ކުރެއްވި ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކޮށް، އޭގެން އިބުރަތް ލިބިގަނެ، އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާރުތަކޮށްދިނުމަށެވެ. މިކަންކަން ޒުވާނުންނަށް ދަސްކޮށްދިނުމަށްޓަކައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މުހިންމު ސިޔާސަތެއް ސަރުކާރުން ކަނޑައަޅާފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ.