އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކަށް ޖުމްލަ 19.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ހާމަވެއްޖެއެވެ. މިއީ މިހާރުގެ ބަޖެޓުގައި މިކަމަށް ކަނޑައަޅާފައިވާ 21 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. ނަމަވެސް މި ބަޖެޓުގެ ބޮޑު ބައެއް ބޮންޑާއި ސުކޫކު ދެއްކުމަށް ހިމަނާފައިވާތީ، އެ އަދަދު އުނިކުރުމުން ބަޖެޓު 55 ބިލިއަން ރުފިޔާއަށް ދަށްވެއެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ތަފްސީލަށް ބަލާއިރު، މި ބަޖެޓުގައި 5 ބޭފުޅަކަށް އިނާޔަތް ދިނުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކު ފައިސާގެ އިނާޔަތް ނުނަންގަވާކަން ފާހަގަކުރެވެއެވެ. ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ އޮފީސް ހިންގުމަށް ދޭ ފައިސާއަށެވެ. އެގޮތުން، 5 ރައީސުންނަށް އޮފީސް ހިންގުމަށް ޖުމްލަ 10.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އިނާޔަތްތައް ބަހާލެވިފައިވާ ގޮތުގެ ތަފްސީލުތައް ތިރީގައި މިވަނީއެވެ:

  • ފައިސާގެ އިނާޔަތް (4 ރައީސުންނަށް): 2.7 މިލިއަން ރުފިޔާ
  • ލިވިންގ އެލަވަންސް (5 ރައީސުންނަށް): 3 މިލިއަން ރުފިޔާ
  • އޮފީސް ހިންގުމުގެ ހަރަދު (5 ރައީސުންނަށް): 10.5 މިލިއަން ރުފިޔާ
  • ބޭސް ފަރުވާ ކުރުމުގެ ހަރަދު: 3.5 މިލިއަން ރުފިޔާ

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ޤާނޫނުގައިވާ ގޮތުން، އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50,000ރ. އަދި އެކަކަށްވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75,000ރ. ލިބިވަޑައިގަންނަވައެވެ. މީގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50,000ރ. ކަނޑައަޅާފައިވާއިރު، މުޖްތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ، އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175,000ރ. ދިނުމަށް ޤާނޫނުގައި ވެއެވެ.

މި ސަރުކާރުން ވަނީ ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމަށް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުލަތުން ކުރާ ހަރަދު ބޮޑުކަމަށް ބުނެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. މަޖިލީހުގެ ކުރީގެ މެންބަރުންނަށް ވެސް އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން ޚިދުމަތުގެ އިނާޔަތް ލިބެއެވެ. އެގޮތުން، އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މުސާރައިގެ %30 އަދި ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މުސާރައިގެ %45 އުމުރުން 55 އަހަރުން މަތިވުމުން ދައުލަތުން ދޭންޖެހެއެވެ.