އަތޮޅު ކައުންސިލްތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތުން، މި ގެނެވުނު އިސްލާހާއެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭނެއެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ބިލު ފާސްކޮށްފައިވަނީ ދިރާސާ ކޮމިޓީއަށް ހާޒިރުވި 62 މެންބަރުންގެ ތެރެއިން، 52 މެންބަރުގެ ވޯޓާއެކުގައެވެ. އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވަނީ ބިލް ފާސްނުކުރުމަށް ވޯޓު ދީފައެވެ.މިއާއެކު އަތޮޅު ކައުންސިލުތައް އަތޮޅު ކައުންސިލުތައް އުވުނީއެވެ. އެހެންނަމަވެސް، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތައް ދައުރު ހަމަވަންދެން ދެމިތިބޭނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ.

ގާނޫނު އަސާސީއަށް ގެންނަ ބަދަލުގެ ދަށުން، އަންނަ އަހަރު އަތޮޅު ކައުންސިލް އުވާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން ލިބޭ ފައިސާ ބަހާލާނީ، ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކުރުމަށް ކަމަށެވެ. މީގެއިތުރުން، އަތޮޅު ކައުންސިލް އުވާލީމަ، އިތުރުވާ ފައިސާ ހޭދަކުރާނީ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ފަހިވާނެ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު، ކައުންސިލްތަކަށް އިތުރުވާ ބަޖެޓު ހަމަޖައްސާނީ، ކޮންމެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށް، އެ ރަށެއްގައި އުޅޭ އިޖްތިމާއީ ގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ތެރިކަން ދެވޭ ގޮތަށް ލާޒިމް ކޮށްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.