ރ. ވާދޫ ކައުންސިލްގެ4 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން ހުސައިން ޢަލީ މަގާމުގެ ހުވާކުރައްވައި މަސްއޫލިއްޔަތާ ހަވާލުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީ (ރ) ވާދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެން މެމްބަރުން މިއަދު ހުވާކޮށްފައި ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް މިއަދު ބޭއްވި މި ރަސްމިއްޔާތު ގައެވެ.

މިއަދު ހުވާކުރި ބޭފުޅުންނަކީ، ކައުންސިލް ރައީސް، ހުސައިން ޢަލީ (ޕީޕިޢެމް)، ކައުންސިލް މެމްބަރު އައިޝަތު ނުހާ (ޕީޕީއެމް)، ކައުންސިލް މެމްބަރު ޒާހިޔާ އިބްރާޙިމް (ޕީޕީއެމް)، ކައުންސިލް މެމްބަރު އަހުމަދު އަރުޝަދު (ޕީޕީއެމް)، އަދި ކައުންސިލް މެމްބަރު އަބްދުﷲ އަންވަރު (ޕީޕީއެމް)އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވި ބޭކަނބަލުން ވެސް ވަނީ މަގާމުގެ އިގުރާރުވެފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވެފައި ވަނީ، އައިމިނަތު ފަޒުލާ (އެމްޑީޕީ)، މަދީހާ ޔޫސުފް (ޕީޕީއެމް)، ޒާހިރާ މުހައްމަދު (އެމްޑީޕީ)، އަނީސާ ޒަކަރިއްޔާ (ޕީޕީއެމް) އަދި ފާއިޒާ ޔޫނުސް (ޕީޕީއެމް)އެވެ.

ހުވާކުރެއްވުމަށް ފަހު ވާދޫ ކައުންސިލުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ކައުންސިލްގެ ނައިބް ރައީސް ކަމަށް ވެސް ބޭފުލަކު އައްޔަން ކުރައްވާފައެވެ. މެމްބަރުންގެ އަގުލަބިއްޔަތު ވޯތުން އެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ އަހުމަދު އަރުޝަދުއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެ އިންތިހާބެއް އެކުގައި ބޭއްވިއިރު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާ އެކު ޖުމްލަ 1912 މީހުން އިންތިހާބު ކުރަން ޖެހުނެވެ.

އެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވަނީ 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނަގައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކާމިޔާބުވީ 325 ގޮނޑި އެވެ.

ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތާއި ކުރިން އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ރަށްތަކުން ވެސް މުހިއްމު ގޮނޑިތަކެއް އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ. މާލެ ފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ.