ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި ދެ މައްސަލައަކާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮޮށްފިއެވެ.

އެއީ ކޮން ބައެއްކަން ރަސްމީކޮށް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަގާމުން އެނގިފައިވާ ގޮތުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒްކަން އެނގިފައި ވެއެވެ.

މި ދެ ބޭފުޅުން ވަކިކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

 

ރައީސް ވިދާޅުވީ، މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ.

އެ މައްސަލައަކީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައެއްގެ އިތުރުން ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ހިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލަ އެވެ.

ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިއެވެ.