ރ. ވާދޫގެ ހުރިހާ މުވައްސަސާތައް ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފަންޑް ރެއިޒިން ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެޙިތެރިވުމަށް ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށް ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެއެވެ.

މި ހަރަކާތުގެ ދަށުން، ވާދޫގެ 3 ސަރަހައްދެއްގައި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެއެވެ. އެއީ ރ. ވާދޫ ސިއްހީ މަރުކަޒާއި، ރ. ވާދޫ ކައުންސިލްގެ އިދާރާގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ރ. ވާދޫ އޮފީސް ހުންނަ އިމާރާތުގައެވެ.

މި ހަރަކާތް މިއަދު ހެނދުނު ފަށާފައި ވާއިރު، ފަންޑު ފޮށި ހުޅުވައިދެއްވީ ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުލް ޤާދިރު އިބްރާހިމް އެވެ.

މި ހަރަކާތުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ވާދޫ ސްކޫލްގެ ފަރާތުން އިބްރާހިމް ސުޖާއު، ވާދޫ ސިއްހީ މަރުކަޒުގެ ފަރާތުން އަހުމަދު އަފްރާހު، ވާދޫ ފެނަކަ ގޮފީގެ ފަރާތުން އަބްދުލް މަތީން އަދި ކޯޓުގެ ފަރާތުން މުހައްމަދު ޒަކަރިއްޔާއެވެ.