ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މިމަހުގެ އެކަކުން ފެށިގެން މުއްދަތުހަމަވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ޕެންޑަމިކާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއްދިނުމުގެ ގޮތުން، މި މޭމަހުގެ އެކަކުން ފެށިގެން މުއްދަތުހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް އަންނަ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެކަމަށެވެ.

މުއްދަތުހަމަވާ ލައިސަންސްތައް ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެކަން ޓްރާންސްޕޯޓް އޮތޯރިޓީން އަންގައި ޢިއުލާންކޮށްފައިމިވަނީ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލީ ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުންކަމަށެވެ. އެގޮތުން އެއްގަމު އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލީ މިމަހުގެ 5ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖެ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން މިހާރުވަނީ މާލެ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު އަންނަމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށްވަނީ އިތުރުކޮށްފައެވެ.