ރ. އަތޮޅުގެ ވެރިރަށް އުނގޫފާރާއި އަތޮޅުގެ އުތުރު ރަށްރަށާއި ދެމެދު ދަތުކުރުކުރާ ފެރީ ދަތުރު ކެންސަލްކުރާ މައްސަލައިގައި އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ފެރީ އޮޕަރޭޓްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނާ ގޮތުގައި، ފެރީ ދަތުރު ނުބާއްވަނީ ދަތުރު ފަށާ ރ. އަލިފުށި މޮނިޓަރިންގގެ ހާލަތުގައި އޮތީމައެވެ.
އަލިފުށި މޮނިޓަރިންގގެ ހާލަތުގައި އޮންނަތާ މިހާރު ހަފުތާއެއްހާ ދުވަސްވެފައި ވާއިރު، އެ ދަތުރުތައް ނުބާއްވާތީ އާންމުން ދަނީ ނުރުހުންފާޅުކުރަމުންނެވެ.
”މޮނިޓަރިންގއަށް ލީއްސުރެ އުނގޫފާރު އުތުރުފެރީ ދަތުރު ކެންސަލްކުރެވިފައި. އެކަމުގެ ސަބަބުން އުތުރުގެ އެހެން ރަށްރަށުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ދަތުރު ކުރެވޭގޮތް ނުވުމަކީ ވަރަށް ދެރަ ކަމެއް ކަމުގައި ދެކެން. ޒަރޫރީ ބޭނުންތަކަށް އެހެން ރަށްރަށުގެ މީހުންވެސް ބޭނުންވާނެ ކަމުގައި ދެކެންވާނެ. ކުއްލިއަކަށް ރަށް ބަންދުކުރީމާ ފަހަރުގައި ދަތުރު ނުކުރެވިދާނެ. ނަމަވެސް ހަފުތާ އެއް ވެގެންދާއިރު މިކަމަށް ގޮތެއް ހަމަޖެހިފައި ނުވުމަކީ ގިނަ ބައެއްގެ ޙައްޤުތަކެއް ގެއްލިގެން ދާނެ ކަމެއް ކަމުގައިވެސް ދެކެން.“ އާންމުންގެ ތެރޭން ހިޔާލު ފާޅުކުރި މީހަކު ބުނެފައި ވެއެވެ.
ހަމައެހެންމެ، އުނގޫފާރުން ދެކުނުގެ ބައެއް ރަށްރަށް މޮނިޓަރިންގގައި އޮތް އިރު ވެސް ދެކުނު ފެރީގެ ދަތުރުތައް ހުއްޓާނުލާކަން އާންމުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން މިކަމަށް ޙައްލެއް ހޯދައިދޭން އެއްވެސް މަސައްކަތެއް ކުރޭތޯ ވެސް އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.
