ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅިގެން އޮތޯރިޓީން ބުނީ ދިވެހިރާއްޖޭގައި ކޯވިޑު-19 ފެތުރުން ކޮންޓުރޯކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވުމުގެ ސަބަބުން، 26 މެއި 2021 ވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ ޚާއްސަ ފިޔަވަޅުތައް އަޅާފައިވާތީ، 25 މެއި 2021 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު، 24 ޖުލައި 2021ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދިން ކަމުގައި ވީނަމަވެސް، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް، އޮޕަރޭކުރާ ފަރާތްތަކަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި، އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށްފަހު އުޅަނދުފަހަރުގެ ދަތުރަށް ފެށުމަށްއިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން، ޓްރާންސްޕޯޓުން ބުނީ އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 25 މެއި 2021ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް، 24 ޖުލައި 2021ގެ ކުރިން ހެދުމަށް، ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ އެއޮތޯރިޓީން ލިޔުން ހޯދުމަށް އެދޭ ކަމަށެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 25 މެއި 2021ވަނަ ދުވަހުން ފެށިގެން ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 24 ޖުލައި 2021ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެތޯރިޓީން ބުނެއެވެ.