ރ. އަތޮޅުގެ 15 ރަށުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރުމަށް ރ. އަތޮޅު ކައުންސިލްގެ ބަޖެޓުން 25،000 ރުފިޔާގެ މާލީ އެހީތެރިކަމެއް ދިނުމަށް 3 ވަނަ ދައުރުގެ އަތޮޅު ކައުންސިލްގެ މެމްބަރުން ނިންމާފައިވާ ގޮތަށް ،4 ވަނަ ދައުރުގެ ކައުންސިލުން ރ. އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް ފައިސާގެ އެހީ ފޯރުކޮށް ދީފިއެވެ.

މިކަމަށް ރ. އަތޮޅު ކައުންސިލްގެ ބަޖެޓުންވަނީ 375،000 ރުފިޔާ ހޭދަކޮށްފައި ވާއިރު، މީޑިޔާ އަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާޞިފް ވިދާޅުވީ، މިކަމަކީ ނިމިގެންދިޔަ 3 ވަނަ ދައުރުގެ ކައުންސިލުން ކުރަން ނިންމާފައިވާކަމެއް ކަމަށާއި، މިކަމުގެ ކްރެޑިޓް ހައްޤުވަނީ ކުރީގެ ކައުންސިލަށް ކަމަށެވެ.

ނާޞިފް އިތުރަށް ވިދާޅުވީ، ކުރީގެ ކައުންސިލުން 25،000 ރުފިޔާ ހަމަޖައްސަން ނިންމާފައި ވަނީ ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ރަށު ޕިކަޕު ދިނުމުގެ މަޤުސަދުގައި ކަމަށެވެ. އެކަމަކު ބައެއް ރަށްތަކުގައި ޕިކަޕު ބޭނުން ކުރަމުން ދާތީ ކައުންސިލްތަކުގެ އެދުމުގެ މަތިން ފައިސާގެ އެހީ ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޝާހިދުގެ ރައީސް ކަމުގައި، ރ. އަތޮޅުގެ 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ ރަށްރަށުގެ ތަރައްގީއަށް މާލީ ގޮތުން ގިނަ އެހީތަކެއް ވެ ދެއްވާފައެވެ.

2010 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ނިޒާމްގެ އިދާރީ ހިންގުމުގައި ހަރަކާތްތެރިވެވަޑައިގެެންނެވި ޝާހިދަކީ އަބަދުވެސް އަތޮޅުގެ ރަށްތަކުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯއްދެއްވުމަށް މަސައްކަތް ކުރެއްވި ހިންގުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

އަތޮޅު ކައުންސިލްގައި މެމްބަރެއްގެ ގޮތުގައި ދެ އަހަރު ދުވަހު ޚިދުމަތްކުރައްވައި، 2017 ވަނަ އަހަރުން ފެށިގެން މި ހިނގާ ދައުރާ ހަމައަށް އޭނާ ހުންނެވީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައެވެ.