ނުރައްކާތެރި ކޯވިޑް-19 ރޯގާ ފެތުރި، ރ. ކޮތައިފަރުގެ ހާލަތު ގޯސްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އިއްޔެ ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި 266 މީހުންގެ ތެރެއިން 112 މީހުންނަކީ ކޮތައިފަރުން ފައްސިވި މީހުންނެވެ.
އެޗްޕީއޭ އިން ބުނީ އެ ރަށުގައި ފައްސިވި މީހުންނާއި ގާތުން އެއްތާވީ މީހުން ދެނެގަތުމުގެ މަސައްކަތް އުނގޫފާޜު ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ ކަމަށެވެ.
ކޮތައިފަރަކީ ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ފަޅު ރަށެކެވެ.
ކޮތައިފަރަކީ ވަރަށް ހާއްސަ ކަންކަން ހުރި ރަށެކެވެ. އެ ގޮތުން، ކޮތައިފަރުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަނިކޮށް އެތަނުން ޤަދީމީ އާޘާރުތަކެއް ފެނިފައި ވެއެވެ. ބުނެވޭގޮތުގައި އެރަށަކީ މީގެ ތިންސަތޭކައެއްހާ އަހަރު ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެހެންކަމުން އެރަށުން ފެންނަންހުރި އާޘާރުތަކަކީ ރާއްޖޭގައި އެޒަމާނުގައި ދިރިއުޅުނު މީހުންގެ ވައްޓަފާޅި ވަރަށް ރަނގަޅަށް ދެނެގަނެވޭނެ އާޘާރުތަކެކެވެ.
ރާއްޖޭގެ ތާރީޚް ދިރާސާކުރައްވާ ދިރާސާވެރިއެއް ކަމަށްވާ ޢަލާ ދީދީ މިކަމާބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެރަށުން ފެނުނު ގަލުގައި ފޮފަނަގައިގެން ކޮށްފައިވާ ފަރުމާތަކަކީ މީގެކުރިން އޭނާއަށްވެސް ފެނިފައިނުވާ ބާވަތެއްގެ ފަރުމާއެއް ކަމަށެވެ. ފެންނަފެނުމަށް އެ ފަރުމާތަކުގައި ޗައިނާގެ ބުދުދީނުގެ ބައެއް ރަމްޒުތައް އެބަހުއްޓެވެ. މީގެ ކުރިން ރާއްޖޭގެ އެކިތަންތަނުގެ ފެނިފައިވާ އެފަދަ ތަކެތިން ގިނައިން ފެނިފައިހުރީ ސްރީލަންކާގެ ބުދުދީނުގެ ޘަޤާފަތުގެ އަސަރުތަކެވެ. އެހެންކަމުން ކޮތައިފަރުން ފެނުނު އާޘާރުތަކަކީ އެހެން ތަންތަނުން ފެނިފައިވާ އާޘާރުތަކާ ޚިލާފު އާޘާރުތަކެކެވެ.
ރިސޯޓު ހަދާ ފަރާތުން ބޭނުންވަނީ އެރަށުން ފެނުނު އާޘާރީ ސަރަޙައްދު އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފެންނާނެހެން ސަލާމަތްތެރިކަމާއެކު ބަހައްޓާށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެރަށުން އާޘާރުތައް ފެނިފައިވަނީ ރަށުގެ ތަފާތު ދެސަރަޙައްދަކުންނެވެ. އެހެންކަމުން އެ ދެސަރަޙައްދު ހިމަނައިގެން އެރަށުގައި ޚާއްޞަ ހެރިޓޭޖް ސެންޓަރެއް ޤާއިމް ކުރުމަށްވެސް މިހާރުވަނީ ނިންމާފައެވެ.
ރާއްޖޭގެ ރިސޯޓުތަކުން ރާއްޖޭގެ ޙަޤީޤީ އާޘާރުތަކެއް ފެންނަން ހުރުމަކީ މާ ޢާންމު ކަމެއްނޫނެވެ. އެހެންކަމުން ކޮތައިފަރުގައި ތަރައްޤީކުރެވޭ ރިސޯޓަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލުކަން އިތުރުވާނެ ރިސޯޓަކަށްވާނެ ކަމަށް ބެލެވެއެވެ.