ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ. އެއަރޕޓް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި  ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް މުއިއްްޒުގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސްވެރިން، ހަނިމާދޫއަށް ވަޑައިގެންނެވީ މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓުގައި އެވެ.އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ހަނިމާދޫ އެއަރޕޯޓަށް ޖެއްސި މިއީ ފުރަތަމަ ފަހަރެވެ. އެއާޕޯޓު ހުޅުވުމުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ވަނީ ހަނިމާދޫގައި ހަވާ ވެސް އަރުވާފައެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި، އަހަރަކު މިލިއަނަކަށް ވުރެ ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ އައު ޓާމިނަލައަކާއި، އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއްގެ އިތުރުން، ފިއުލް ފާރމައަކާއި އެކީގައެވެ.