ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެެވެ.
މި ބިލަކީ، 05 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ރައީސް އޮފީހުން ބުނީ މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް
ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ހިންގޭނޭ ޝަރުތުތައް މުރާޖައާކޮށް އިސްލާހުކުރުމެވެ.
މި އިސްލާހާއެކު،ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ، ނުވަތަ ބޭރު ގައުމެއްގެ ޔުނިވަރސިޓީީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުން ހިމަނާފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަަށް ރަޖިސްޓްރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ފުރިހަމަ ވާންޖެހޭ ޝަރުތުތައް ވެސް ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޔުނިވާސިޓީއަކަށް އެދޭ ކޮލެޖްގައި ވަކި ދާއިރާތަކެއްގެ ކޯސްތައް ހިންގުން ހިމެނެއެވެ.
ކޮމިޓީން ނިންމީ ވަކި ދާއިރާއެއް ހަނިނުކޮށް، ކޮންމެ ދާއިރާއެއްގެ ވެސް ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި ލެވެލް 9ގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގުމަށެވެ. ކޮމިޓީން އިތުރަށް ގެނައި ބަދަލުތަކުގެ ތެރޭގައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވައިދުތައް ދެ މަސް ތެރޭގައި ހެދުން ހިމެނެއެވެ.
އިތުރު ޝަރުތަކުގެ ތެރޭގައިމޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ތައުލީމު ހާސިލްކުރުން ހިމެނެއެވެ. އެކަޑަމިކް މުވައްޒަފުން މަދުވެގެން %10އަކީ ޕީއެޗްޑީ ލެވެލް އަށް ކިޔަވަިއގެން ތިބި މުވައްޒަފުންނަށް ވާންޖެހެއެވެ.