ކިޔެވޭނެއެވެ.
ކިޔެވުމަކީ ލައްކަ ވަގުތު އެކަމަކަށް ހޭދަކުރަންޖެހޭ ކަމެކެވެ. ލައްކަ ގޭނުމެއް ގޭނެން ޖެހޭކަމެވެ. ލައްކަ ކަންކަން ގުރުބާންކުރަންޖެހޭ ކަމެކެވެ. ލައްކަ ކަންކަމާ ކުރިމަތިލާންޖެހޭ ކަމެވެ.
ޚާއްސަކޮށް ކިޔެވުން ދޫކޮށްލަންޖެހޭ ލައްކަ ކަމެއް ކުރިމަތިވެއެވެ.
އަމިއްލަ ސިއްޙަތާގުޅުންހުރި ކަންކަމެވެ. މައިންބަފައިނާގުޅުން ހުރި ކަންކަމެވެ. ދަރިންގެ ކަންކަމެވެ. އާއިލާގެ ކަންކަމެވެ. ވަޒީފާގެ ކަންކަމެވެ. މި ނޫންވެސް މިފަދަ އެތައް ކަމެކެވެ.
އޭގެ ސަބަބުން ކިޔެވުން ހުއްޓާލަންވީއޭ ލައްކަ ފަހަރު ހިތަށް އަރާނެ އެތައް ކަމެކެވެ. ދެން ނުވާނެއޭ ހިތަށް އަރާ ލައްކަ ފަހަރެއްްވެސް މީގެ ތެރޭގައި އާދެއެވެ.
މިއީ އެއްކަލަ ދަނޑިވަޅެވެ. ހިތްވަރުކޮށްފައި ކުރިއަށްދާންވީ ވަގުތެވެ. ކިޔެވުމަށް ގަދަ އަޅައި މަސައްކަތްކުރަންވީ ވަގުތެވެ.
ދަންނަވާލަން މި އުޅެނީ މިދުނިޔޭގައި ދިމާވާ ކޮންމެ ގޮންޖެހުމަކަށްވެސް ތިޔައީ ތައްޔާރުވެފައިވާ މީހެއް ކަމެވެ. އެއީ އެމީހަކަށް ނުއުއްފުލޭވަރުގެ ތަކުލީފެއް މާތް ﷲ ނުޖައްސަވާނެތީއެވެ. އެހެންވީމާ ތިބާއަށްވެސް ކިޔެވޭނެއެވެ. ނުކިޔެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ބޭނުންވަނީ ވަރުގަދަ އަޒުމަކާއި ހިތްވަރެކެވެ!
އެޑިޓަރުގެ ނޯޓު: މިއީ ވާދޫ ލައިވްގެ ފުރަތަމަ އެޑިޓަރ އަދި ތަޖުރިބާކާރު ނޫސްވެރިޔާ ޒަމްޢަތު އަޙުމަދު ވަޙީދުގެ ސޯޝަލްމީޑިއާ ޕޯސްޓަކުން ނަކަލުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން ޝާއިއުކޮށްފައިވަނީ އޭނާ ލިޔެފައިވާ ގޮތަށް އެއްވެސް ބަދަލެއް ނެތިއެވެ.