ކޯވިޑް-19ގެ ވޭދަނަތަކާއި ގުޅިގެން ރ. އަތޮޅުގައި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީ ރ. އަނގޮޅިތީމުން ނަމޫނާ ދައްކައިފިއެވެ.

އެ ގޮތުން، އެ ރަށުގެ ރައްޔިތުން ވަނީ، މޮނިޓަރިންގައި އޮތް 4 ރަށަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކާށި ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރ. އުނގޫފާރާއި، ރ. އަލިފުށި އަދި، ރ. ދުވާފަރެވެ. މީގެ އިތުރުން ރ. ހުޅުދުއްފާރަށް ވަނީ 1000 ކިލޯގްރާމްގެ ކަނޑުމަސް ހަދިޔާކޮށްފައެވެ.

އެ ރަށު ކައުއުންސިލުން ބުނި ގޮތުގައި، ރ. ހުޅުދުއްފާރަށް ވަނީ 1000 ކިލޯގްރާމްގެ ކަނޑުމަސް، ރ. އުނގޫފާރަށް 1000 ކާށި، ރ. ދުވާފަރަށް 2000 ކާށި އަދި ރ. އަލިފުށްޓަށް 1100 ކަށި މިހާތަނަށް ހަދިޔާކޮށްފައި ވެއެވެ.

އަނގޮޅިތީމުން އެހީތެރިވި ރަށްތަކުގެ ތެރެއިން ރ. އުނގޫފާރު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ. ނަމަވެސް، އަލިފުއްޓާއި ދުވާފަރުގެ ހާލަތު އަދިވެސް ގޯހެވެ.

ހުޅުދުއްފާރުގެ ހާލަތަށް ބަލާއިރު ވެސް ފާއިތުވި 24 ގަޑިއިރު، އިތުރު މީހަކު ފައްސިވެފައި ވެއެވެ. އެއީ 24 ވަނަ ދުވަހު ނެގި 62 ސުންކެއްގެގެ ތެރެއިން ނަތީޖާތައް އައި އިރު ފައްސި ކަމަށް ވާ ފަރާތެކެވެ. ހުޅުދުއްފާރުގައި މި ވަގުތު އެކްޓިވް ވޭދަނައިގެ ގޮތުގައި ހިމެނެނީ 2 މީހެކެވެ. އަދި މިވަޤުތު 3 ގެއެއް ވަނީ މޮނިޓަރިން ގައެވެ.

އަލިފުށްޓަށް ބަލާއިރު، ފާއިތުވި ދެ ދުވަހު ވެސް ކޯވިޑް-19ގެ ވޭދަނައެއް ފެނިފައި ވެއެވެ.

އަލިފުށީ އިހާގެ ޖުމުލަ އަދަދުތަކަށް ބަލާއިރު، 1141 ސުންކެއް މިހާތަނަށް ނެގިފައި ވެއެވެ. އޭގެ ތެރޭން 238 ސުންކެއްގެ ނަތީޖާ ފައްސި ކަމަށް ދައްކާއިރު، 836 ސުންކެއް ވަނީ ބައްޔަށް ނައްސިވެފައެވެ. ނަތީޖާ ނުލިބި ޖުމުލަ 27 ސުންކެއް އެބަ ވެއެވެ. ބަލިން ފަސޭހަވި މީހުންގެ ޖުމުލަ 189 އަރާފައި ވާއިރު، ތަކުރާރުކުރަންޖެހޭ ސުންކުގެ އަދަދަކީ 40 އެވެ،

މި ވަގުތު އަލިފުށީގައި ތިބި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 49 އެވެ.

ދުވާފަރަށް ބަލާއިރު، ހާލަތުން އަރައިގަތުމަށް އެ ރަށުގައި ވަނ 7 ދުވަހަށް 24 ގަޑިއިރުގެ ފުރަަބަންދެއް އިޢުލާންކޮށްފައެެވެ.

ދުވާފަރުގައި މި ވަގުތު 54 މީހަކު ބައްޔާ ހަނގުރާމަ ކުރަމުން ދާއިރު، 116 މީހުން ވަނީ ޖުމުލަކޮށް އެ ރަށުން މި ރޯގާއަށް ފައްސިވެފައެވެ