ރ. އުނގޫފާރުގައި އަމިއްލަ ފަރުދެއްގެ ޚަރަދުގައި އިމާރާތްކުރި ހިނަވާގެ ރަސްމީކޮށް ހުޅުވައިފި އެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މި ތަނަކީ، ނ. ކޮޅުދޫ ސާލާގެ ހާމިދު މުހައްމަދުގެ ދީލަތި އެހީގައި ރ. އުނގޫފާރުގެ ރައްޔިތުންނަށް ދެއްވި ވަރަށް ހަދިޔާއެއް ކަމަށެވެ. އެހެންކަމުން އެ ބޭފުޅާއަށް ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައި ވެއެވެ.
ހިނަވާގެ އިމާރާތްކޮށްދެއްވި ހާމިދު މުހައްމަދު މީޑިއާއަށް ވިދާޅުވެފައި ވަނީ، މިއީ އުނގޫފާރަށް ވަރަށް މުހިއްމު ކަމެއްކަމަށް ދެކޭތީ އިމާރާތްކޮށްދިން ތަނެއް ކަމަށެވެ. އަދި މިތަން ހުޅުވުމާއެކު މައްޔިތާ އަށް ބޭނުންވާ ކަފުނާއި ސަންދޯށް ހިލޭ ސާބަހަށް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މިތަން އިމާރާތްކުރުމުގެ މަސައްކަތް ފެށީ، 15 މާރޗް 2021 ގައެވެ. އަދި އެތަން ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.
އުނގޫފާރުގެ ސަހަރާއާއި އުނގޫފާރު މެޖިސްޓްރޭޓް ކޯޓާއި ދެމެދުވާ ބިމުގައި އިމާރާތްކުރި މިތަނުގައި އެއްފަހަރާ ދެމައްޔިތުން ހިނެވުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ޤާއިމު ކުރެވިފައި ވެއެވެ. އަދި ފާހާނާއާއި ވެއިޓިން އޭރިއާއެއްގެ އިތުރުން މޯޗަރީ އެއްވެސް ހިމެނެއެވެ.
އުނގޫފާރުގައި މިހާރު ބޭނުންކުރަމުންދާ ހިނަވާގެ ހުންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިރުމަތިން އޮތް ބިމުގައެވެ. އުނގޫފާރުގެ ލޭންޑްޔޫސް ޕްލޭންއަށް ފަހުގެނައި ބޮޑެތި ބަދަލުތަކާއެކު މިހާރު ހިނަވާގެ ގްރީންޒޯން އަކަށާއި މަގަށް އަރާތީ އެތަން ނެގުމަށްވަނީ ހަމަޖެހިފައެވެ.
