ކޯވިޑް-19ގެ މި ހާލަތުގައި ހާއްސަކޮށް މޮނިޓަރިންގެ ހާލަތުގައި އޮތް ރ. އަތޮޅުގެ ރަށްރަަށުގެ ރައްޔިތުންގެ ހާލު އަތޮޅު ކައުންސިލުން ނުބަލާ ކަމަށާއި ކައުންސިލުންނަށް ރައްޔިތުންނަށް އަޅާނުލާ ކަމަށް ބުނެ މީސްމީޑިޔާގައި ދެކެވެމުންދާ ވާހަކަތަކަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ރައްދު ދެއްވައިފިއެވެ.
މީސްމީޑިޔާގައި ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރ. ވާދޫ ލައިވްގެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާސިފް ވިދާޅުވީ، އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ އަތޮޅެއްގެ ކޮންމެ ރައްޔިތެއްގެ ހާލު ވަކިވަކިން ބެލުމަކީ ވާނޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ރަށު ކައުންސިލްތަކާއި ސިއްޙީ މަރުކަޒު ތަކަށް ގުޅުއްވައިގެން ރައްޔިތުންނާއި ރަށްރަށުގެ ހާލަތު ގާތުން ބަލަމުންދާކަން ނާސިފް ފާހަގަ ކުރެއްވިއެވެ.
އަތޮޅު ރައީސް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ކޯވިޑް-19 ހާލަތު ބެލުމަށް ޓާސްކްފޯސް ވައިބާް ގުރޫޕުތަކަށް ވެސް އޭނާ ގުޅިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި ވީ ވަރަކުން ހިޔާލާއި އިރުޝާދު ވެސް ދެއްވަމުން ގެންދަވާ ކަމަށެވެ.
ނާސިފް ވިދާޅުވީ، އެކިއެކި ގޮތްގޮތުން ލިބޭ މާސްކާއި ސެނިޓައިޒާ ޔޫޓީއެމް ފަދަ ތަކެތި ވެސް ރަށްރަށަށް ފޮނުވާފައި ވާނެ ކަމަށެވެ. މީގެ އިތުރުން، ސުންކުގެ ނަތީޖާ ލަސްވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސުންކުތައް އުނގޫފާރަށް ގެންގޮސް ދިނުމަށް އޭނާގެ އިސްނެގުމުގެ މަތިން އަތޮޅު ކައުންސިލްގެ ލޯންޗު ބޭނުންކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސަވާފައި ވާ ކަމަށެވެ.
ނާސިފް ވިދާޅުވީ މަގާމާ ހަވާލުވި ފަހުން ރަސްމީކޮށް 3 ފަހަރެއްގެ މަތިން ހޮސްޕިޓަލްތަކުގެ ވެރިންނާ ބައްދަލުކުރައްވާފައި ވާނެ ކަމަށެވެ.
