ރ. ވާދޫ ސްކޫލްގައި އިމާރާތްކުރާ ނަމާދު ކޮޓަރީގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމާލައި ހަވާލުކުރުމަށް އަމާޒު ހިފާފައި ވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އިމާރާތްކޮށްދޭ ވާދޫ ސްކޫލްގެ ނަމާދު ކޮޓަރީގެ ފަހުގެ އަދާހަމަ ހޯދުމަަށް ރ. ވާދޫ ލައިވް އިން ގުޅާލުމުން ފެނަކަ ކޯޕަރޭޝަން، ރ. ވާދޫ ގޮފި ހިންގުމަށް ހަވާލުވެ ހުންނެވި މުހައްމަދު ނިޔާޒް ވިދާޅުވީ އެ ތަނުގެ މަތީ ބީމް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ދެން އޮތީ ހިޔާ ކުރުމުގެ މަސައްކަތްކަން ފާހަގަކޮށް ނިޔާޒް ވިދާޅުވީ އަމާޒަކީ ވާދޫ ސްކޫލްގެ ނަމާދު ކޮޓަރި މި މަހު ނިންމައި ހަވާލުކުރުން ކަމަށެވެ.

ރ. ވާދޫ ސްކޫލްގެ އެސްއެމްޓީގައީ ހިމެނިވަޑައިގަންނަވާ ލީޑިންގ ޓީޗަރ މުހައްމަދު ރިޔާޟް ވިދާޅުވީ، އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް އަދު ނިމުން ގެނުވައިފި ކަމަށެވެ. އަދި މި ތަން އިމާރާތްކުރެވެނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 100 އިންސައްތަ ހިއްސާއާ އެކު ކަން ފާހަގަކުރައްވައި ރިޔާޟް ވަނީ ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދާއި، އަލިފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރ މުހައްމަދު ރަޝީދު ހުސައިން އަދި ފެނަކަ ވާދޫ ގޮފީގެ ޑެޕިޔުޓީ މެނޭޖަރ މުހައްމަދު ނިޔާޒަށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ 2013 ވަނަ އަހަރު އެ ސްކޫލުން ޕްރޮޕޯސަލް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓެކެވެ.