ރ. ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލަފާކޮށްފައިވާ ތާރީޚަށް ނުފެށުނެވެ.

އެންމެ ފަހުން އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫޢު ފެށޭނީ 1 އޮގަސްޓް 2021ގައި ކަމަށް ލަފާކުރެވިފައި ވެއެވެ. އެކަމަކު އޮގަަސްޓް މަސް ދެބައިވެގެން ދިޔަ އިރު ވެސް މި މަޝްރޫޢު އޮތީ ”ޕްލޭންކުރެވިފައި“ އެވެ.

މި މަޝްރޫއަށް 2021 ގެ ބަޖެޓްގައި 1,000,000.00 ރުފިޔާ އަދި 2022 ގެ ބަޖެޓްގައި 12,216,170.00 ރުފިޔާ ހިމަނާފައި ވެއެވެ.

ރ. ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެއް ޕްލޭންކޮށްފައި ވާއިރު، ވާދޫއަކީ ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާ ރަށެކެވެ. މި މައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކުން މީގެ ކުރިން މާ ބޮޑު މަސައްކަތްތަކެއް ނުކުރެއެވެ.

ނަތީޖާއެއްގެ ގޮތުން، ރަށުގެ ބިމުން ބޮޑު ބައެއް ދަނީ ގެއްލެމުންނެވެ.

ވާދޫއަކީ ރ. އަތޮޅުގެ އުތުރުން އިރުމަތީ ބިތުގައި، އުތުރުން ދެކުނަށް ދެމިފައި އޮންނަ ރަށެކެވެ. މިރަށުގެ ލޭންޑް އޭރިޔާގެ ބޮޑުމިނަކީ 44 ހެކްޓަރއެވެ. ރަށުގެ މީހުން އުޅޭ ސަރަހައްދުގައި ރަށުގެ ފުޅާ މިނުގައި ހުންނަނީ 5195 ފޫޓެވެ.